ހަބަރު

ފާއިޒާއި މުއުތަސިމް ވަކިކުރީ ރާއްޖެ ބައިވެރިވެފައިވާ ޕްރިންސިޕަލްތަކާ ޚިލާފަށް: ކޮމަންވެލްތް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ގޮތުން އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ފަނޑިޔާރުކަމުން ވަކިކުރީ ރާއްޖެ ބައިވެރިވެފައިވާ ކޮމަންވެލްތްގެ އުސޫލުތަކާ ޚިލާފަށް ކަމަށް ކޮމަންވެލްތުން ބުނެފި އެވެ.

ފާއިޒާއި މުއުތަސިމް ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިދިޔަ އާދިއްތަ ދުވަހު ފާސް ކުރުމާ ގުޅިގެން ކޮމަންވެލްތްގެ ތިން ޖަމްއިއްޔާއަކުން އިއްޔެ ނެރެނު ބަޔާނެއްގައިވަނީ ފާއިޒާއި މުއުތަސިމް ވަކިކުރީ ދައުލަތުގެ ތިން ބާރު ޒިންމާދާރު ކުރުވުމާ ގުޅޭގޮތުން 2003 ގައި ކޮމަންވެލްތުން އެކުލަވާލި ޕްރިންސިޕަލާ ޚިލާފަށް ކަމަށެވެ. އަދި އެ ޕްރިންސިޕަލަކީ ރާއްޖެއިން ވެސް ބައިވެރިވެފައިވާ ޕްރިންސިޕަލެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ޕްރިންސިޕަލްގައި ވަނީ ފަނޑިޔާރަކު ވަކިކުރެވޭނީ ނުވަތަ ސަސްޕެންޑް ކުރެވޭނީ މަގާމަށް ގާބިލް ނޫން ކަމަށް ނުވަތަ މަގާމާ އެކަށީގެން ނުވާ ފަދަ އަމަލެއް ކުރުމުން ކަމަށެވެ. އަދި އެފަދަ މައްސަލައަކާ ގުޅިގެން ކޮންމެ ފިޔަވަޅެއް ވެސް އަޅަންޖެހޭނީ ހަމަހަމަ އުސޫލަކުން ކަމަށް އެ ޕްރިންސިޕަލްގައިވެ އެވެ.

ކޮމަންވެލްތުގެ ފަނޑިޔާރުންގެ ޖަމްއިއްޔާ އާއި ވަކީލުންގެ ޖަމްއިއްޔާގެ އިތުރުން ކޮމަންވެލްތްގެ ލީގަލް އެޑިއުކޭޝަން ޖަމްއިއްޔާއިން ނެރެފައިވާ އެ ބަޔާނުގައިވަނީ ޝަރުއީ ދާއިރާގެ މިނިވަންކަން ދެމެހެއްޓުމަށާއި ގާނޫނު އަސާސީ އާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ އުސޫލުތަކަށް އިހްތިރާމް ކުރުމަށް ސަރުކާރަށާއި މަޖިލީހަށް ގޮވާލައިފަ އެވެ.

ރާއްޖޭގެ ގާނޫނީ ގިނަ ވަކީލުން ވެސް ފާޑު ކިޔަމުން ދަނިކޮށް ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ ބޮޑު އަޣުލަބިއްޔަތަކުން މިދިޔަ އާދިއްތަ ދުވަހު ވަނީ ފާއިޒާއި މުއުތަސިމް ފަނޑިޔާރުކަމުން ވަކިކޮށްފަ އެވެ.

އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ފާއިޒު އެ މަގާމުން ވަކި ކުރުމުން އުއްތަމަ ފަނޑިޔާރަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ސައީދު މިހާރު ވަނީ އައްޔަންކޮށްފަ އެވެ.