ހަބަރު

ބައި އިލެކްޝަންތައް ބާއްވާކަށް ނުކެރޭނެ: މަހުލޫފު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެ ކަަމަށް ބުނަމުން ދިޔަ ނަމަވެސް ހުސްވި ކަމަށް ބުނާ ގޮނޑިތަަކަށް އަލުން މެމްބަރުން އިންތިހާބު ކުރުމަށް ބައި އިލެކްޝަން ބާއްވަން އިލެކްޝަން ކޮމިޝަނަށް ނުކެރޭނެ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މަހުލޫފު ތުހުމަތު ކުރެއްވީ އިލެކްޝަން ކޮމިޝަނުގެ ރައީސް މަސައްކަތް ކުރައްވަނީ ރައީިސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫނު ގެންގުޅުއްވާ ޕަޕެޓެއް ހެން ކަމަށެވެ. އަދި ވިދާޅުވީ ބައިއިލެކްޝަން ބާއްވަން ނުކެރޭނީ ވެރިކަން ކުރާ ޕީޕީއެމްއަށް ވޯޓު ނުލިބޭނެތީ ކަަމަށެވެ.

"... ބައި އިލެކްޝަނެއް ބާއްވަން ޖެހުނަސް މިމީހުންނަކަށް ނުކެެރޭނެ ބާއްވާކަށް. ކީއްވެގެންތޯ؟ ރައްޔިތުންގެ ތާއީދު ނެތިއްޔާ ނުކެރޭނެ ބާއްވާކަށް. ރައްޔިތުންގެ ކައިރިއަށް ގޮސް ވޯޓެއް ކާމިޔާބު ނުވަންޏާ ނުބާއްވާނެ،" މަހުލޫފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވޯޓަކަށް ދާން ސަރުކާރަށް ކެރިދާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށާއި ހުރިހާ ކަމެއް ކުރަނީ ސަރުކާރަށް އޮންނަ ކުޑަ ބާރުގެ ބާރެެއްގެ ބޭނުންކޮށްގެން ކަމަށެވެ. ނަމަަވެސް ބައިއިލެކްޝަނުގައި ގޮނޑި ކާމިޔާބު ކުރުމަަށް ފަސްޓްލޭޑީ ފާތުމަތު އިބުރާހީމް އިސްވެ ހުންނަވައިގެން ކެމްޕޭނެއް ފަށްޓަވާފައިވާކަން އޭނާ ފާހަކަ ކުރެއްވިއެވެ. އެހެން ނަމަވެސް ވިދާޅުވީ މެޑަމް ފާތުންގެ ދަތުރުފުޅުގައި ތާއީދު ލިބިވަޑައިގަންނަވަނީ ވަރަށް ކުޑަކޮށް ކަމަށް މަހުލޫފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑާލައި ވާގި ނެއްތައިލާފައި އޮތް ކަމަށް ވިދާޅުވާ ވިދާޅުވުން އޭނާ މިރޭވެސް ތަކުރާރު ކުރެއްވިއެވެ. އަދި ވިދާޅުވީ ތިން ބާރުގެ ތެރެއިން އެއް ބާރު އެއްކޮށް ވާގި ނެއްތާފައި އޮތުމުން މިއީ ސައްހަ ދައުލަތަކަށް ވެސް ނުވާ ކަމަށެވެ.

"މިއީ ދައުތަކަށް ވެސް ނުވެއެއް ނޫންތޯ؟ މި ތިންބާރުގެ ތެރެއިން އެއްބާރު އެއްކޮށް ޕެރަލައިޒްކޮށްލާފައި އޮންނަ އިރު މިއީ ސައްހަކޮށް ހިނގާ ދައުލަތަކަށް އަޅުގަނޑުމެންނަށް ބެލޭނެ އެއްވެސް ޖާގައެއް ނެތް،" އޭނާ ވިދާޅުވިއެވެ.

ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި އިދިކޮޅު އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ ބައެއް އިސް ބޭފުޅުން ބައިވެރިވަޑައިގެންނެވިއެވެ.