ހަބަރު

ޖަނަރޭޓަރެއް ހުއްޓި މިއަދު ވެސް ކަރަންޓް ކެނޑިއްޖެ

Sep 23, 2017
1

ސްޓެލްކޯގެ ޖަނަރޭޓަރަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ އެކު ހެންވޭރުގެ ބައެއް ސަރަހައްދުތަކުން މިއަދުވެސް ކަރަންޓް ކެނޑިއްޖެ އެވެ.

ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ މިއަދު މެންދުރު 1:00 އެހާކަންހާއިރު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުނީ ޖަނަރޭޓަރަކަށް މައްސަލައެއް ދިމާވެ އެ ޖަނަރޭޓަރު އެކީ ހުއްޓުމާ ގުޅިގެން ކަމަށެވެ. އަދި އެ ޖަނަރޭޓަރު އަލުން ސްޓާޓްކޮށް ވީހާ ވެސް އަވަހަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ކަރަންޓް ކެނޑިފައި ވަނީ ހެންވޭރުގެ ސަރަހައްދަކުން އެވެ.

އިއްޔެ ހަވީރުގެ ވަގުތުގައި މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑުނެވެ. ކަރަންޓް އަލުން ލިބެން ތިން ގަނޑިއެއްހާ އިރުވި އެވެ.

އެހެން ނަމަވެސް މިއަދު ކަރަންޓް ކެނޑުނު ސަރަހައްދުތަކަށް ސްޓެލްކޯއިން ވަނީ 30 ހަކަށް މިނެޓްގެ ތެރޭގައި ކަރަންޓް ދީފަ އެވެ. ކަރަންޓް ކެނޑުނު ގިނަ ސަރަހައްދުތަކަށް މިހާރު ވަނީ ކަރަންޓް ދީފަ އެވެ.