ވިޔަފާރި

ގިޓާ ކުޅެން ދަސްކޮށްދޭން އުރީދޫއިން ވޯކްޝޮޕެއް ބާއްވައިފި

Sep 23, 2017
1

ގިޓާ ކުޅުމަށް ޝައުގުވެރިވާ ޒުވާން ގިޓަރިސްޓުންނަށް، އެކުދިންގެ ހުނަރުތައް އިތުރަށް ތަރައްގީކުރުމުގެ ގޮތުން އުރީދޫއިން މަޝްހޫރު ގިޓަރިސްޓު އަހްމަދު ފަސީހު (ފަސީ) އާ ގުޅިގެން ހާއްސަ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފި އެވެ.

"ލާން ޓު ޕްލޭ ގިޓާ ވިތު ފަސީ"ގެ ނަމުގައި އެ ވޯކްޝޮޕް ކުރިއަށް ގެންދިޔައީ އެއް ދުވަހުގެ މުއްދަތަކަށް ޕީއެސްއެމް ސްޓޫޑިއޯގަ އެވެ. އެ ވޯކްޝޮޕްގައި ގިޓާ ކުޅުމުގެ ބޭސިކްސް އާއި މިއުޒިކްގެ ޑިސިޕްލިންތައް ބައިވެރިންނަށް ދަސްކޮށްދީފައިވެ އެވެ.

އެ ވޯކްޝޮޕްގެ މަގްސަދަކީ، މިއުޒީޝަނުންނަށް އެ ދާއިރާގައި ކުރިއެރުން ހޯދުމަށް ބޭނުންވާ ޑިސިޕްލިން އާއި އެހެނިހެން ހުނަރުތައް ދަސްކޮށްދިނުން ކަމަށް އުރީދޫ އިން މައުލޫމާތުދެ އެވެ.

"މީ ފަހުގެ ތާރީހެއްގައި މިހާ ފުޅާކޮށް ގިޓާ ވޯކްޝޮޕެއް ބޭއްވިގެންދިޔަ ފުރަތަމަ ފަހަރު. މި ވޯކްޝޮޕްގައި ބައިވެރިވި ކުދިންގެ ހުނަރު ތަރައްގީވެ، އެކުދިންނަށް ރަނގަޅުގޮތުގައި މި ދާއިރާއިން ކުރިޔަށް ދެވޭނެކަމަށް އުއްމީދުކުރަން. މިއުޒިކް ތިޔަރީ ފަދަ ކަންކަމުގެ އިތުރުން، މި ދާއިރާގައި އަމަލީގޮތުން ގެންގުޅެންޖެހޭ ޑިސިޕްލިންތަކާއި، އަންޑަސްޓޭންޑިން ބައްޓަންކުރަންވީ ގޮތާއި، މިއުޒީޝަނެއްގެގޮތުން ކަންކަންކުރުމުގައި ދެކެންވީގޮތްތައް ކިޔާދެވުނު." ވޯކްޝޮޕާއި ގުޅޭގޮތުން މައުލޫމާތުދެމުން ފަސީ ބުންޏެވެ.

އުރީދޫ އިން ބުނީ ކުރިއަށް އޮތްތަނުގައިވެސް ޒުވާނުން ކުރިއެރުމަށް ބޭނުންވާ ތަފާތު އެކި ދާއިރާތަކަށް އަމާޒުކޮށްގެން އެފަދަ ވޯކްޝޮޕްތައް ހިންގުމަށް މަގުފަހިކޮށް، ޒުވާނުންނަށް ތަރުހީބުދީ، ޒުވާނުންގެ ކުރިއެރުމަށް މަސައްކަތްކުރަމުން ގެންދާނެ ކަމަށެވެ.