ހަބަރު

މިއަހަރު 7000، އަންނަ އަހަރު 8000 ފްލެޓް އަޅާނެ: ރައީސް

އަންނަ އަހަރުގެ ތެރޭގައި 8000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ފަށައި ގަނެވޭނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެއްހާސް ފޮޓޯގްރަފަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގެ ގްރެޖުއޭޝަން ސެރަމަނީގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ސަރުކާރުން ކުރާ މަސައްކަތުގެ ތެރޭގައި ލޯނު ހޯދައިގެން ކުރާ މަސައްކަތަކަށް ވާތީ އެންމެ ބާރު މިނުގައި ފްލެޓުތައް ނޭޅި ހިނގައިދާނެ ކަމަށެވެ. ނަމަވެސް މި އަހަރުގެ ނިމުމުގެ ކުރިން 7000 ފްލެޓެއް އެޅުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށާއި އަންނަ އަހަރުގެ ތެރޭގައި ވެސް އިތުރު 8000 ފްލެޓު އަޅާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި އުޅެނީ އަޅުގަނޑުގެ ރިޔަސީ ދައުރުގެ ތެރޭގައި އެންމެ މަދުވެގެން 15،000 ހައުސިން ޔުނިޓު އެޅުމުގެ ވައުދު ފުއްދޭތޯ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ސަރުކާރުގެ ބޯހިޔާވެހިކަމުގެ ޕްރޮގްރާމަށް ފާޑު ކިޔަމުން އަންނަ އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށް ރައީސް ވިދާޅުވީ އެ ފަރާތްތަކަކީ ހަމަ އެ ކަންކަމާ ކުރިމަތިލުމަށް ފަހު އެއްވެސް ކަމެއް ނުކުރެވުމުން ދުރުގައި ތިބެގެން ފާޑު ކިޔާ ފަރާތްތަކެއް ކަމަށާއި ހުރިހާ ކަމެއް ހުއްޓާލުމަށް ފަހު ގެދޮރު ބިނާ ކުރުމަށް އެ ފަރާތްތަކުން ގޮވާލަމުން އަންނަ ކަމަށެވެ.

"ފްލެޓުތަކަކީ ހަމަގައިމު ވެސް ހިލޭ ލިބޭނެ ތަންތަނެއް ނޫން، އެތަންތަނަށް ވަންނަ އިރު އާމްދަނީ ހޯދޭނެ މަސައްކަތެއް އޮންނަން ވާނެ، އާމްދަނީ ހޯދުމަށް ކޮންމެވެސް މަސައްކަތެއް ދަސްކޮށްދޭން ޖެހޭ، ބީ ޓެކް ޕްރޮގްރާމާއި ދަސްވާރު ޕްރޮގްރާމާއި ފޮޓޯގްރަފީ ކޯހުގައި ކުއްޖަކު ބައިވެރިވާން ޖެހޭނެ، އެހެން ނޫނީ މިހުރީ ގެދޮރޭ، މިތަނަށް ކޮންމެ މަަހަކު 7000 ރުފިޔާ ދައްކާށޭ ބުންޏަސް އެ ކުއްޖާއަށް އެ ފައިސާ ދެއްކޭނެ ގޮތެއް ނޯންނާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ "އެހެންވީމަ ހުރިހާ ކަމެއް ހުއްޓާލަފައި ފްލެޓު އަޅާކަމަށް ވަންޏާ ސިއްހީ ފަރުވާ ދިނުމާއި ސްކޫލަށް ތަމްރީން ކުރުމާއި ކަންކަން ހުއްޓާލަން ޖެހޭނެ،"

އިތުރު 8000 ފްލެޓު އަންނަ އަހަރު އަޅާނެ ކަމަށް ރައީސް ވިދާޅުވެފައިވާ އިރު ސަރުކާރުން ދާދި ފަހުން ވަނީ ފްލެޓު ލިބޭ 661 ފަރާތްތަކުގެ ލިސްޓު އިއުލާންކޮށްފަ އެވެ. އޭގެ އިތުރުން ބައެއް ރަށްތަކުން ވެސް ފްލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު ވަނީ އިއުލާންކޮށްފަ އެވެ. ނަމަވެސް އެ ލިސްޓުގައި ފްލެޓު ލިބޭ ފަރާތްތަކުގެ ނަން ހާމަކޮށްފައި ނެތުމުން އެ މައްސަލައަށް ވަރަށް ގިނަ ފާޑު ކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.