ރައްޔިތުންގެ މަޖިލިސް

ކޯރަމް ހަމަނުވެގެން ޖަލްސާ ނުފެށުނު

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް ބޭނުންވާ ކޯރަމް ހަމަނުވުމުން ޖަލްސާ ފެށުން ފަސްކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ކޯރަމް ހަމަނުވާ ކަމަށާއި 10 ޖަހާއިރު ކޯރަމް ހަމަވޭތޯ ބައްލަވާނެ ކަމަށެވެ.

"މިއަދުގެ ޖަލްސާގެ ކޯރަމް އަދިވެސް އަޅުގަނޑުމެންނަށް ނުލިބިފަ މިވަނީ. ބައެއް އިއްޒަތްތެރި މެންބަރުން ބޭރުގައި އެބަ ތިއްބެވި ކަމަށްވޭ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް އިތުރަށް ވިދާޅުވީ 10 ޖަހާއިރު ކޯރަމް ހަމަވޭތޯ ބެލުމަށްފަހު ކޯރަމް ހަމަނުވާނަމަ ޖަލްސާ ނިންމާލައްވާނެ ކަމަށެވެ.

ކޯރަމް ހަމަނުވުމުން ޖަލްސާ ފެށުން ފަސްކުރިއިރު ޖަލްސާއަށް ވަޑައިގެން ތިއްބެވި މެންބަރުންގެ އަދަދެއް ރިޔާސަތުން ހާމައެއް ނުކުރެ އެވެ.