ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީން މިކަން ޔަގީންކޮށްދީފައި މިވަނީ މިނިސްޓަރު ޒަމީރު އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ނިންމަވާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުގައި މިމަހުގެ ދެވަނަ ދުވަހު ރިޕޯޓްކޮށްފައި ވަނިކޮށެވެ.
ޒަމީރު އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ މާދަމާ އިން ފެށިގެން ދެ ދުވަހަށް ކުރައްވާ ދަތުރުފުޅެކެވެ.
މިނިސްޓަރުގެ މިދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ޒަމީރުގެ މިދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ފުޅާކުރުމަށް މަޝްވަރާކުރައްވާނެ ކަމަށެވެ.
މިއީ މިނިސްޓަރު ޒަމީރު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން އަވަށްޓެރި އިންޑިއާ އާއި މިހާރުގެ ސަރުކާރުގެ ގުޅުން އެހާ ރަނގަޅެއް ނޫނެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފަހު ގުރޫޕް އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ރާއްޖެއިން ފައިބަންވެސް ޖެހެ އެވެ.
ރާއްޖޭގެ ރައީސުން މީގެކުރިން މަގާމުގެ ހުވާކުރެއްވުމަށްފަހު އާންމު ގޮތެއްގައި ފުރަމާނަ ދަތުރުފުޅެއްގައި ފުރަތަަމަ ވަޑައިގަންނަވަނީވެސް އިންޑިއާ އަށެވެ. އެކަމަކު ރައީސް މުއިއްޒު ފުރަމާނަ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ ޗައިނާ އަށެވެ.