ހަބަރު

ބިލެއްފަހީ އިންޖީނު އެނދުމުން 2.27 މިލިއަން ރުފިޔާގެ ގެއްލުން

ށ. ބިލެއްފަހީގެ އިންޖީނު ގޭގައި އަލިފާން ރޯވެ އިންޖީނެއް އަނދައިގެން ދިޔުމުގެ ސަބަބުން 2.27 ރުފިޔަގެ ގެއްލުންވެފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަން އިން ބުނެފި އެވެ.

ބިލެއްފެހީ އިންޖީނުގޭގައި ރޯވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އެ ހާދިސާގައި މުޅި އިންޖީނުގެ އޮތީ އަނދާ އަޅިއަށްވެފަ އެވެ. ފެނަކައިން މިއަދު ބުނީ ބިލެއްފެހީގައި ހިނގި ހާދިސާއާ ގުޅިގެން އެ ކުންފުންޏަށް ލިބުނު ގެއްލުންްތައް ބަލަމުން އަންނަ ކަމަށާއި ލަފާ ކުރެވޭ ގޮތުން 2.27 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށެވެ.

އާބާދީގައި ގާތްގަނޑަކަށް 700 މީހުން ދިރިއުޅެމުން އަންނަ ބިލެއްފެހީގައި ހިނގި އެ ހާދިސާއާ ގުޅިގެން އެ ރަށް ކަނު އަނދިރީގައި ވަނިކޮށް ފެނަކައިން ރޭ 12:30 ހާއިރު މުޅި ރަށަށް ވަގުތީ ކަރަންޓު ދީފަ އެވެ. އަދި ވަގުތީ ޕަވާ ހައުސް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބިލެއްފެއްސަށް ވަގުތީ ކަރަންޓު ދިނީ އެ އަތޮޅު ފޭދޫން 120 ވޮޓްގެ އިންޖީނަކާައި ހއ. ފިއްލައިދޫން ޕެނަލްއެއް އެ ރަށަށް ގެންގޮސްގެން ކަމަށެވެ.

މި އަހަރުގެ ތެރޭގައި އިންޖީނު ގެއެއްގައި ހިނގި އަލިފާނުގެ ހާދިސައަކާ ގުޅިގެން މީހަކު ވެސް ވަނީ މަރުވެފަ އެވެ. އެފަދަ ހާދިސާތައް މަދު ކުރުމަށް ފެނަކަ އިން އަންނަނީ އަސާސީ ފެންވަރެއްގައި އަލިފާން ނިއްވާ ނިޒާމް ގާއިމް ކުރުން ފަދަ މަސައްކަތް ކުރަން ފަށައިފަ އެވެ.