ތެލެސީމިއާ ކޮންޓްރޯލް ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ތެލެސީމިއާ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ހަލީލް ވިދާޅުވީ ސަރުކާރުން ވައުދުވެފައިވާ ގޮތަށް ތެލެސީމިއާ ކޮންޓްރޯލްކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.
އެ ގޮތުން ތެލެސީމިއާ ބަލިން މުޖުތަމައު ރައްކާތެރިކޮށް ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް މިނިސްޓަރު ހަލީލް ވިދާޅުވި އެވެ.
މޯލްޑިވިއަން ބްލަޑް ސާވިސް އިން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ދައްކާ ގޮތުން ތެލެސީމިއާ ބަލި މީހުންގެ ގޮތުގައި 941 މީހުން ރަޖިސްޓްރީކޮށްފައިވެ އެވެ.
މީގެ އިތުރުން ތެލެސީމިއާ ހޮސްޕިޓަލް އެޅުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން ވަނީ 71،000 އަކަފޫޓުގެ ބިމެއްވެސް ކަނޑައަޅާފަ އެވެ.