ޑރ. އަބްދުﷲ ޚަލީލް

ތެލެސީމިއާ ހޮސްޕިޓަލް ތަރައްގީކުރާނީ ބޯންމެރޯ ހެދޭނެ އިންތިޒާމްތަކާއެކު

ތެލެސީމިއާ ހޮސްޕިޓަލް ތަރައްގީކުރާނީ ބޯންމެރޯ ހެދޭނެ އިންތިޒާމްތަކާއެކު ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ތެލެސީމިއާ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ހަލީލް ވިދާޅުވީ ތެލެސީމިއާ ކުދިންނަށް ހިދުމަތް ދޭނެ ހޮސްޕިޓަލެއް ހުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރެއް ކަމަށެވެ.

އެތަން ވެގެންދާނީ މި ސަރަހައްދުގައިވެސް ތަރައްގީކުރާ އެންމެ ވަރުގަދަ ހޮސްޕިޓަލަށް ކަމަށް މިނިސްޓަރު ހަލީލް ވިދާޅުވި އެވެ.

މިނިސްޓަރު ހަލީލް ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލް ތަރައްގީކުރާނީ ރާއްޖޭގައި ތިބެގެން ބޯންމެރޯ ހެދޭނެ އިންތިޒާމްތަކާއެކު އެވެ.

ބޯންމެރޯ ޓެސްޓް ހެދުމަށް ކުރަންޖެހޭ މަސައްކަތް އުނދަގޫކަން ފާހަގަކުރައްވާ މިނިސްޓަރު ހަލީލް ވިދާޅުވީ ރާއްޖޭގައި ތިބެގެން ބޯންމެރޯ ޓެސްޓް ހެދޭނެ އިންތިޒާމު ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ މަތިން މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

މިނިސްޓަރު ހަލީލް އިތުރަށް ވިދާޅުވީ މި އަހަރުގެ ތެރޭގައި އިތުރު 10 ކުއްޖަކު ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާނެ ކަމަށެވެ.