މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

ވީއައިއޭ ޓެކްސީ ކިއުގެ މައްސަލަ ހައްލުކުރަން ފިޔަވަޅުތަކެއް އަޅައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓެކްސީ ކިއުއާ ގުޅިގެން ހުރި ބޮޑެތި ކަންބޮޑުވުންތައް ފުލުހުން މެދުވެރިކޮށް ހައްލުކުރަން ނިންމާ އެ މަސައްކަތް ފަށައިފި އެވެ.

ވީއައިއޭގެ ޓެކްސީ ކިއުގައި ތިބޭ މީހުންނާއި ޓެކްސީ ޑްރައިވަރުން ހިތުހުރި ގޮތަކަށް އަމަލުކުރުމާއި، ޑްރައިވަރުން ބޭނުންވާ އަގެއް ނެގުމާއި، ދަތުރެއްގެ މަތީގައި އިތުރު ޕަސެންޖަރުން ނެގުން ވަނީ އާންމު ކަމަކަށްވެފަ އެވެ.

މިކަމާ ގުޅިގެން އާންމުންގެ ޝަކުވާތައް ބޮޑުވެފައިވާއިރު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާއި އެމްއޭސީއެލް އަދި ފުލުހުންނާ އެކު ބައްދަލުވުމެއް ބާއްވާ މިމައްސަލަ ހައްލުކުރުމަށް ފިޔަވަޅުތަކެއް އަޅާފަ އެވެ.

ވީއައިއޭގެ ޓެކްސީ ކިއުގެ މައްސަލަ ހައްލުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ވަނީ ކިއު ބެލެހެއްޓުން ފުލުހުންނާ ހަވާލުކޮށް އެ މިނިސްޓްރީން ކަނޑައަޅާ އަގުތަކާ ހިލާފަށް އަގު ނަގާ ޑްރައިވަރުންނާއި ދަތުރުމަތިން އިތުރު ޕެސެންޖަރުން ނަގާ ޑްރައިވަރުންނަށް ފިޔަވަޅު އެޅުން ފުލުހުންނާ ހަވާލުކޮށްފަ އެވެ.

ޓެކްސީތަކުގެ މައްސަލަތައް ހުށަހެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިފަހުން ވަނީ އޮންލައިން ނިޒާމެއް ގާއިމުކޮށް މިމައްސަލަތައް ބެލުމަށް ހާއްސަ ކޮމިޓީއެއްވެސް އުފައްދާފަ އެވެ. ޝަކުވާގެ ގޮތުގައި ބަލަންޖެހޭ ޝަކުވާތައް ހުރުމުން އެ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ބުނީ ޓެކްސީތަކުގެ މައްސަލަ ހައްލުކުރުމަށްޓަކައި އެއާޕޯޓު ޓެކްސީ މެނޭޖްކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލައި މިހާރު އަމަލުކުރަންވެސް ފަށާފައިވާ ކަމަށެވެ. އަދި ގަވައިދާ ހިލާފަށް އެއްވެސް ބިދޭސީއަކު ޓެކްސީ ކުރާނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފައިވެ އެވެ.