ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

އާ ރަންވޭ ބޭނުންކުރަން ފަށާނީ އޮކްޓޫބަރު 6 ގައި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ރަންވޭ އަންނަ މަހުގެ ހަވަނަ ދުވަހު ބޭނުންކުރަން ފެށުމަށް ތައްޔާރުވާން ފަށައިފި އެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކުރި ގޮތުގައި ފްލައިޓްތައް ޖެއްސުމަށް އާ ރަންވޭ ބޭނުންކުރަން ފަށައި، އާ ސީޕްލޭން ޓާމިނަލްވެސް އެ ދުވަހު ރަސްމީކޮށް ބޭނުންކުރަން ފަށާނެއެވެ.

މަތިންދާބޯޓު ޖެއްސުމަށް އާ ރަންވޭ ބޭނުންކުރަން ފެށުމުން ފްލައިޓްތައް އެއާޕޯޓްގައި ޖައްސާ ޓެކްސީވޭ ކުރުމަށް މިހާރު ހޭދަވާ ވަގުތު ކުޑަވެގެންދާނެ އެވެ.

އެމްއޭސީއެލް އިން މީގެ ކުރިންވެސް ވަނީ ރާއްޖޭގެ ފަތުުރުވެރިކަމުގެ ސިނާއަތުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އޮކްޓޫބަރުގައި އާ ރަންވޭ ބޭނުންކުރަން ތައްޔާރުވަމުންދާކަން ހާމަކޮށްފަ އެވެ.

ސަރުކާރުން ކުރިން ބުނި ގޮތުގައި އާ ރަންވޭ ނުހުޅުވި ލަސްވަނީ އެ ސަރަހައްދުގައި ހުރި އިމާރާތްތަކެއް ނުނެގިގެންނެވެ.

އާ ރަންވޭ ހަދައި ހުޅުވާފައިވަނީ ސެޕްޓެމްބަރު 5، 2018 ވަނަ ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އިހްތިހާދުގެ އޭ380 ބޯޓެއް ޖައްސައި، އާ ރަންވޭ ހުޅުވި ނަމަވެސް އެތަނަށް ބޯޓު ޖައްސަން ފަށާފައެއް ނުވެ އެވެ. ސަބަބަކީ ރަންވޭއާއެކު ނިންމަން ޖެހޭ އެހެން ކަންކަން ނުނިމި ހުރުމެވެ. މި ރަންވޭ ހެދީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) ކުންފުނިންނެވެ. ރަންވޭގެ ދިގު މިނުގައި 3,400 މީޓަރު ހުންނައިރު، ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ.

އެއާޕޯޓްގެ އާ ރަންވޭ މިހާރު ބޭނުންކުރަމުންދަނީ ވަގުތީ ޓެކްސީ ވޭ އެއްގެ ގޮތުގައެވެ.