ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތަރައްގީ ކޮށްފައިވާ އާ ވީއައިޕީ ޓާމިނަލް މާދަމާ ބޭނުން ކުރަން ފަށާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
އެމްއޭސީއެލްގެ އޮފިޝަލަކު އަވަސް އަށް ވިދާޅުވީ މަދަމާ ހުޅުވަނީ ވީއައިޕީ ޓާމިނަލްގެ ފުރަތަމަ ފިޔަވަހި ކަމަށާއި އެތަން މާދަމާއިން ފެށިގެން ބޭނުން ކުރަން ފަށާނެ ކަމަށެވެ.
މި ބަދަލާއެކު ކުރީގެ ވީއައިޕީ ޓާމިނަލް ހުސްވާނެ އެވެ. އަދި އެ ޓާމިނަލް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާނެ އެވެ.
ވީއައިއޭގައި އާ ވީއައިޕީ އިމާރާތް ހެދީ މިހާރު ވެސް އެއާޕޯޓުގައި ހުރި ވީއައިޕީ އިމާރާތުގެ ފަހަތުގަ އެވެ. މަސައްކަތް ކުރަނީ އެއާޕޯޓުގެ ގިނަ މަސައްކަތް ތަކެއް ކުރާ ޗައިނާގެ ބީޔޫސީޖީ ކުންފުނިންނެވެ. ކުރިން އަކްއާ ރެސްޓޯރަންޓް ހަދާފައި ހުރި ތަނުގައި ޓާމިނަލް ފަރުމާ ކޮށްފައިވަނީ ރާއްޖޭގެ ބައެއް ރިސޯޓްތަކާއި އެހެން ވެސް ބޮޑެތި މޯލްތައް ޑިޒައިން ކޮށްފައިވާ ޔޫޖީ ޔަމަޒަކީ އާކިޓެކްޗާ ޕީއެލްއެލްސީންނެވެ. ޔަމަޒަކީ އަކީ ކުޑަދޫ އާއި ހުރަވަޅި ރިސޯޓު ފަދަ ގިނަ ރިސޯޓު ތަކެއް ފަރުމާ ކުރި ފަރާތެވެ.
ހަތަރު ބުރީގެ މި އިމާރާތުގައި އޯޕަން އޭރިއާގެ ބަދަލުގައި އެކަނި ތިބެން ބޭނުންވާ ޓޫރިސްޓުންނަށް ވަކިން ކެބިންތަކާއި ޗެކިން ކައުންޓަރުތައް ވެސް ހުރެ އެވެ.
ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަގު ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫއުގެ ދަށުން ވީއައިއޭގައި 3،400 މީޓަރު ދިގު ރަންވޭއެއް ވަނީ ހަދާފަ އެވެ. އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު -- 5.7 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އަދި ސައޫދީ ބިންލާދިން ކުންފުންޏަށް އާ ޕެސެންޖަރު ޓާމިނަލް އަޅަން ވަނީ ހަވާލުކޮށްފަ އެވެ. މީގެ އިތުރުން ކާގޯ ޓާމިނަލް އާއި ތެޔޮ ރައްކާ ކުރާ ނިޒާމުގެ މަސައްކަތް ވެސް ވަނީ ބޮޑުބައި ނިންމާފަ އެވެ.
މި ހިދުމަތްތަކުގެ އިތުރުން ވީއައިއޭގައި މުޅިން އަލަށް ސީޕްލޭން ޓާމިނަލެއް ވެސް އަޅާފައިވެ އެވެ. މި އަގުބޮޑު އިމާރާތް ނިންމިތާ ދެ އަހަރުވާން ކައިރިވާއިރު ވެސް އެތަން ހުޅުވިފައެއް ނުވެ އެވެ. އާ ސީ ޕްލޭން ޓާމިނަލް މަޝްރޫއުގެ ދަށުން 3.2 ހެކްޓަރު (32،000 އަކަމީޓަރު)ގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. މި ޕްރޮޖެކްޓަކީ ޖުމްލަ 40 މިލިއަން ޑޮލަރު -- 616 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ސީޕްލޭން ޓާމިނަލްގެ މަސައްކަތް ކުރަނީ ވީއައިއޭގެ އެންމެ މުހިއްމު މަސައްކަތް ކަމަށްވާ އާ ރަންވޭގެ މަސައްކަތް ކުރާ ބީޔޫސީޖީ އިންނެވެ.