އެމްއޭސީއެލް

އާ ރަންވޭ ހުޅުވަން ދަތުރުތައް މެދުކަނޑާލަނީ

އާ ރަންވޭ ހުޅުވުމަށް އޮކްޓޫބަރު މަހުގެ ފަސްވަނަ ދުވަހުގެ ރޭ 11:00 އިން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މޫވްމަންޓްތައް މެދުކަނޑާލުމަށް ނިންމައިފި އެވެ. ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެއާޕޯޓްގެ ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ދަތުރުތައްވެސް އެ ވަގުތުން ފެށިގެން މެދުކަނޑާލެވޭނެ އެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެއާޕޯޓްގެ ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ދަތުރުތައްވެސް އެ ވަގުތުން ފެށިގެން މެދުކަނޑާލެވޭނެއެވެ.

އޮކްޓޫބަރު މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު، އެއާޕޯޓްގެ އާ ރަންވޭ ބޭނުންކުރަން ފަށަން ދަނީ ތައްޔާރުވަމުންނެވެ.

އާ ރަންވޭ ބޭނުންކުރަން ފަށައި، އާ ސީޕްލޭން ޓާމިނަލްވެސް އެ ދުވަހު ރަސްމީކޮށް ބޭނުންކުރަން ފަށާނެއެވެ.

މަތިންދާބޯޓު ޖެއްސުމަށް އާ ރަންވޭ ބޭނުންކުރަން ފެށުމުން ފްލައިޓްތައް އެއާޕޯޓްގައި ޖައްސާ ޓެކްސީވޭ ކުރުމަށް މިހާރު ހޭދަވާ ވަގުތު ކުޑަވެގެންދާނެ އެވެ.

އާ ރަންވޭ ހަދައި ހުޅުވާފައިވަނީ ސެޕްޓެމްބަރު 5، 2018 ވަނަ ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އިހްތިހާދުގެ އޭ380 ބޯޓެއް ޖައްސައި، އާ ރަންވޭ ހުޅުވި ނަމަވެސް އެތަނަށް ބޯޓު ޖައްސަން ފަށާފައެއް ނުވެ އެވެ. ސަބަބަކީ ރަންވޭއާއެކު ނިންމަން ޖެހޭ އެހެން ކަންކަން ނުނިމި ހުރުމެވެ. މި ރަންވޭ ހެދީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) ކުންފުނިންނެވެ. ރަންވޭގެ ދިގު މިނުގައި 3,400 މީޓަރު ހުންނައިރު، ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ.

އެއާޕޯޓްގެ އާ ރަންވޭ މިހާރު ބޭނުންކުރަމުންދަނީ ވަގުތީ ޓެކްސީ ވޭ އެއްގެ ގޮތުގައެވެ.