ހަބަރު

އިތުރު މުއްދަތަށް އެދުމާއެކު، ގާސިމްގެ ވަކީލުން ކޯޓަށް

ގާސިމް އިބްރާހިމް ފްލައިޓްގައި ދަތުރުކުރުމުގެ ހުއްދަ އެއާލައިނުން ދެން ބޭސް ފަރުވާއަށް ދެއްވާފައިވާ މުއްދަތު އިތުރުކުރަން އެދި މޯލްޑިވްސް ކަރެކްޝަންސް އެދުމާއެކު މި މައްސަލާގައި ކަރެކްޝަނުން އަމަލު ކުރާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ގާސިމްގެ ފަރާތްޕުޅުން ސިވިލް ކޯޓަށް މައްސަލަ ވައްދައިފިއެވެ.

ގާސިމްގެ ވަކީލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގާސިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި އޭނާގެ ފުރާނަފުޅަށް ނުރައްކާތެރިވެފައިވާކަމަށާއި ބޭނުންވާ ފަރުވާ ރާއްޖެއިން ލިބެން ނެތް ކަމަށް މާލޭގެ ތިން ހޮސްޕިޓަލެއް ޑޮކްޓަރުން ލަފާދެއްވާފައިވާތީ، ކަރެކްޝަނުން ދިން ފުރުސަތަކީ ގާސިމްގެ ހިތުގެ އާލާސްކަންފުޅާ ގުޅިގެން ހޯދަންޖެހޭ ފަރުވާއަށް އެކަށީގެންވާ މުއްދަތެއް ނޫންކަމަށް ސިންގަޕޫރުން އެމަނިކުފާނު ބެއްލެވި ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމަށެވެ. އަދި އެ މުއްދަތު އިތުރުކޮށްދިނުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން އެދިވަޑައިގަތުމުން، ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި ހުރުމުގެ މުއްދަތު 26 ސެޕްޓެމްބަރަށް އިތުރުކޮށްދެއްވި ކަމަށެވެ.

އެ ބަޔާނުގައި ބުނަނީ ގާސިމް، 20 ސެޕްޓެމްބަރުގައި ސިންގަޕޫރުން ކްރޮނެރީ އިންޓަވެންޝަން ހައްދަވާފައިވަ ކަމަށާއި ފަރުވާއަށް ގެންދެވިފައިވަނީ، މާލެއިން ހެދެންނެތް ޓެސްޓްތަކެއް ހަދައި ފަރުވާ ހޯދަން ކަމަށެވެ. ސިންގަޕޫރުގައި ގާސިމަށް ފަރުވާ ދެއްވާ ޑޮކްޓަރުން ވެސް ވިދާޅުވެފައިވަނީ ހެދި ހިތުގެ ޕްރޮސީޖަރއަށްފަހު ވެންޓިކިއުލާ އެކްޓޮޕިސް އިތުރަށް ބަލައި މޮނިޓާ ކުރަމުން ގެންދަންޖެހޭނެ ކަމަށާއި، ކޮރެނަރީ އިންޓަރވެންޝަން އިން ރިކަވާވުމުން، ޕްރި ސިންކޯޕް ވިތް އިލެކްޓްރޯފިޒިއޮލޮޖިކަލް ސްޓަޑީ ހަދަންޖެހޭ ކަމަށެވެ.

"...ގާސިމް ބޭސްފަރުވާއަށް ދިން މުއްދަތު އިތުރު ކޮށްދިނުމަށް ސަރުރުކާރުގައި ވާނީ އެދިފަ އެވެ. ނަމަވެސް، ހިތުގެ އާލާސްކަންފުޅަށް ހޯއްދަވަން ޖެހިވަޑައިގަންނަވާ ބޭސްފަރުވާ ފުރިހަމަ ނުވަނީސް، އަދި މިވަގުތު މަތިންދާބޯޓުގައި އެމަނިކުފާނު ދަތުރު ކުރެއްވުމަކީ ރައްކާތެރިކަމެއް ނޫންކަމަށް ޑޮކްޓަރުން ލަފާދެއްވާފައިވަނިކޮށް، ފަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް އަނބުރާ ވަޑައިގަތުމަށް ވަނީ އަންގާފަ އެވެ." ބަޔާނުގައި ވެއެވެ. "އެ އެންގުމާ އެއްގޮތަށް މިއަދު މާލެއަށް އައުމަށް ޓިކެޓް ކޮންފޯމް ކޮށް، މެޑިކަލް އިންފޮމޭޝަން ފޯމާއެކު ސިންގަޕޯ އެއާލައިންސް ގެ އޮފީހަށް ގެންދިޔުމުން، އެމަނިކުފާނަކީ ފްލައިޓްގައި ދަތުރުކުރުމަށް މެޑިކަލީ އަންފިޓް މީހަކަށްވާތީ، ފްލައިޓްގައި ދަތުރު ނުކުރެވޭނެ ކަމަށް އެއާލައިނުން ވަނީ އަންގާފަ އެވެ."

ވަކީލުންގެ ބަޔާނުގައި ގާސިމްގެ ޓްރެވަލް ޑޮކިއުމަންޓްގެ މުއްދަތު މާދަމާއަށް ހަމަވާތީ ދަތުރު ކުރެއްވުމުގެ ހުއްދަ ދެއްވުމަށް އެއާލައިންގައި އެދުމުން ވެސް ނުގެންދެވޭނެ ކަމަށް ބުނެ ޓިކެޓް ކެންސަލް ކުރަން އަންގައި ސިންގަޕޯ އެއާލައިންސުން ވަނީ ޓިކެޓްގައި ލިޔެފައިވާ ކަމަށައި އެހެންވެ ގާސިމަށް ފްލައިޓްގައި ދަތުރުކުރުމުގެ ހުއްދަ އެއާލައިނުން ދެއްވަންދެން ބޭސް ފަރުވާއަށް ދެއްވާފައިވާ މުއްދަތު އިތުރުކޮށް ދެއްވުން ކަރެކްޝަންސް މިހާރު އެދިފައިވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

"ގާސިމް ބޭސްފަރުވާއަށް ހުރަސް އެޅި، އެމަނިކުފާނުގެ ފުރާނައަށް ނުރައްކާވާ ގޮތަށް، ކަރެކްޝަންސްގެ ފަރާތުން ޢަމަލުކުރައްވާކަން އަޅުގަނޑުމެން ނުހަނު ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އަދި މީހެއްގެ ބަލި ހާލަތާމެދު ގޮތް ކަނޑައަޅައި، ބަލި މީހަކަށް ދޭންޖެހޭ ފަރުވާ އާއި ބޭސްފަރުވާގެ މުއްދަތު، އިދާރީ ނިންމުމެއްގެ ގޮތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަކަށް ނުނިންމޭނެ އެވެ."

އަދި ބުނެފައި ވަނީ ބަލިމީހެއްގެ ބޭސްފަރުވާ ކުރިއަށް ގެންދިޔުމުގެ ތަރުތީބުތަކާއި ހަމަތަކަކީ ފަންނީ ގޮތުން ޑޮކްޓަރުން ނިންމާ ނިންމުންތަކެއް ކަމަައި އެހެންކަމުން، ފަންނީ ޑޮކްޓަރުންގެ ލަފަޔާ ޚިލާފަށް، ކަރެކްޝަނުން ތަބާވާންޖެހޭ ޤާނޫނީ އޮނިގަނޑުގައި އެފަރާތުގެ މައްޗަށް ޢަމަލުކުރަން ލާޒިމުކުރާ އުޞޫލުތަކާވެސް ޚިލާފަށް، ގާސިމްގެ ފުރާނައަށް ނުރައްކާވާގޮތަށް، ރާއްޖެއިން ބޭރުގައި ބޭސް ފަރުވާ ކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށް ނުދިނުމަށް ނިންމާފައިވާ އާބިޓަރީ ނިންމުމަކީ ގާނޫނީ ގޮތުން ޞައްހަ ނިންމުމެއް ނޫންކަމަށްވާތީ އެ މައްސަލަ ވާނީ މިއަދު ސިވިލް ކޯޓަށް ވައްދާފައިވާ ކަމަށެވެ.