ރައްޔިތުންގެ މަޖިލިސް

ކޯރަމް ހަމަނުވުމުން ޖަލްސާ ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވުމުން ޖަލްސާ ނިންމާލައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް އެޖެންޑާކުރީ ހެނދުނު 9:00 އަށެވެ.

ކޯރަމް ހަމަނުވުމުން ޖަލްސާ ފެށުން 10:00 އަށް ފަސްކުރި އެވެ. ނަމަވެސް އެ ވަގުތަށްވެސް ކޯރަމް ހަމަނުވުމުން 11:00 އަށް ޖަލްސާ ފެށުމަށް މަސައްކަތްކުރި އެވެ.

ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ކޯރަމް ހަމަވާ ވަރަށް މެންބަރުން މަޖިލީހަށް ވަޑައިގެންނެވި ނަމަވެސް ކޯރަމް ހަމަވާ ވަރަށް މަޖިލީހުގެ ތަޅުމުގައި މެންބަރުން ނެތް ކަމަށެވެ.

"ކޯރަމް ބެލް 11 ގެ ފަހުންވެސް މިހާރު ޖަހާ ފަސް މިނެޓްވެސް ހަމަވީ. އެހެންކަމުން އަޅުގަނޑު ގަސްތުކުރަނީ މިއަދުގެ ޖަލްސާ މިހިސާބުން ނިންމާލަން. މިވަގުތު 10 މެންބަރުން މަޖިލީހުގެ ފްލޯގައި ވަޑައިގެން ތިއްބެވީ،" މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައްވަމުން އަސްލަމް ވިދާޅުވި އެވެ.

ކޯރަމް ހަމަނުވުމުން މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލާފައިވާއިރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާ އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ.