ހަބަރު

މާކިއޯ މޯލްޑިވްސް ކޫއްޑޫ ރިސޯޓް ހުޅުވައިފި

  • ވޯޓާ ވިލާއާއެކު އެއާޕޯޓެއްގައި ހުޅުވި ފުރަތަމަ ހޮޓާ
  • މި ޝަރަފު ވޯޑް ރިކޯޑް ފޮތަށް އަރުވާނެ
  • 1000 މުވައްޒަފުން ތަމްރީނު ކުރަން ސަރުކާރާއެކު ސޮއިކުރި

ކޫއްޑޫގައި އެއާޕޯޓްގައި ތަރައްގީކޮށްފައިވާ "މާކިއޯ މޯލްޑިވްސް ކޫއްޑޫ ރިސޯޓް" މިރޭ ރަސްމީކޮށް ރައީސުލްޖުމްހޫރިއްުޔާ ހުޅުވައި ދެއްވައިފި އެވެ. ޖުމްލަ 68 ވިލާ ހިމެނޭ އެ ރިސޯޓް ހަވާގެ ކުޅިވަރާއެކު ހުޅުވައި ދެއްވީ އެކަމަށް ޓަކައި މިރޭ ރިސޯޓްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޫއްޑޫ އެއާޕޯޓުގެ ސީއީއޯ އަދި، ކޫއްޑޫ ތަރައްގީކޮށް ހިންގުމުގައި ސިންގަޕޫރުގެ ޕްރިސްޓީން އައިލެންޑްސް އިންވެސްޓްމެންޓާ ބައިވެރިވާ ރާއްޖޭގެ ކުންފުނި ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަންގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު ވިދާޅުވީ ކޫއްޑޫ ވެގެން ދާނީ މުޅި ދުނިޔޭގައި ވެސް ވޯޓާ ވިލާއާއެކު ހުޅުވާ ފުރަތަމަ އެއާޕޯޓް ހޮޓަލަށް ކަމަށެވެ. އަދި މިއީ ރާއްޖޭގެ އެއާޕޯޓެއްގައި ތަރައްގީ ކުރި މިފަދަ ފުރަތަމަ ރިސޯޓެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރާނަން މިކަން ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑަށް ވެސް އެރުވޭތޯ ވެސް" ޖަނާހު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އެ ފަރާތުން އެ އަތޮޅުގައި ތަރައްގީ ކުރާ މާމުޓާގެ މަސައްކަތް ވެސް ނިންމާ މި އަންނަ އަހަރު ހުޅުވާނެ ކަމަށެވެ.

މާކިއޯ މޯލްޑިވްސް ކޫއްޑޫ ރިސޯޓުގައި ވަނީ 43 ވޯޓާ ވިލާއާއި 25 ބީޗް ވިލާއެވެ. އޭގެ ތެރެއިން 20 ވިލާއެއްގައި އެތަންތަނަށް ހާއްސަ ސްވިމިން ޕޫލްތައް ހިމެނެއެވެ. އަދި ކެއިން ބުއިމުގެ ކަންތައްތަކަށް ރަނގަޅު ފެންވަރުގެ ތިން ރެސްޓޯރެންޓް ހުންނަ އިރު މުނިފޫހި ފިލުވުމުގެ ގިނަ ވަސީލަތްތަކެއް އެތަނުގައި ވެއެވެ. އޭގެ ތެރޭގައި ޑައިވް އަދި ވޯޓާ ސްޕޯޓްސް ސެންޓަަރަކާއި ސްޕާއެއް ހިމެނެއެވެ.

މާކިއޯއަކީ މެދު ފަންތީގެ ހޮޓާތައް ފުޅާ ދާއިރާއެއްގައި ހިންގާ ފްރާންސްގެ ކުންފުންޏެއް ކަަމަށްވާ "އެކޯ ހޮޓެލްސް" ގެ ބްރޭންޑެކެވެ. އެކުންފުނިން ދުނިޔޭގެ 58 ގައުމެއްގައި 700 ހޮޓާ ހިންގައެވެ.

މިރޭގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މޫސާ ޒަމީރާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމާއި ސިންގަޕޫރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންްނަވާ ސަފީރާއި ޕްރިސްޓިން އައިލެންޑްސް އިންވެސްޓްމެންޓާއި ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން އާއި އެކޯ ހޮޓެލްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މިރޭ މި ރިސޯޓް ހުުޅުވި އިރު ގއ. އަތޮޅުގައި 1000 ދިވެހި މުވައްޒަފުން ތަމްރީންކޮށް ވަޒީފާ ދިނުމުގެ އެއްބަސްވުމެއްގައި ކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދު އެ ރަސްމިއްޔާތުގައި ސޮއިކޮށްފައި ވެއެވެ. އަދި ރިސޯޓް ހުުޅުވައި ދެއްވުމަށް ރައީސް ވަޑައިގެންނެވުމުގެ ޝަރަފުގައި ހަދާނީ އައްޑަނައެއް އެ މަނިކުފާނަށް މިރޭ އެރުވި އެވެ.