ހަބަރު

ރާއްޖެ ބަދުނާމުކުރުން ހުއްޓުވުމަކީ ސަރުކާރުގެ އެކަނި ކަމެއް ނޫން: ރައީސް

ރާއްޖެ ބަދުނާމުކޮށް ދައްކަމުންދާ ވާހަތައް ހުއްޓުވުމަކީ ހަމަ އެކަނި ސަރުކާރުން ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.

ކޫއްޑޫގައި ތަރައްގީކޮށްފައިވާ މާކިއޯ މޯލްޑިވްސް ކޫއްޑޫ ރިސޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެ ބަދުނާމު ކުރުމުން ގެއްލުންވާނީ ހަމަ އެކަނި ސަރުކާރަކަށް ނޫން ކަމަށެވެ.

" ތި އެމްޔޫއޯއެއް ހަދައިގެން އުޅޭ ބައެއްގެ ތެރޭގައި ހާއްސަކޮށް އަޅުގަނޑު އިޝާރާތް މިކުރަނީ، އެއް ބަޔަކު އަނެއް ބަޔަކު އެބަ ޖެހޭ އެކުރެވޭ ކަންތައް ކުށްވެރި ކުރަން. އެހެންވީމާ އެކަން ކޮށްފި ކަމަށް ވަންޏާ އެއީ ދިވެހިރާއްޖެއަށް އަޅުގަނޑުމެން މި ގެންނަ ކަހަލަ އިންވެސްޓްމެންޓާ މިހުޅުވިގެންދާ ވަޒީފާގެ ދޮރުތަކާ ފުރުސަތު ތަކާ ތަނަވަސް ކަމަށް އިތުރަށް ހުޅުވިގެންދާ ކަންކަމަށް އެބޭފުޅުންނަށް ކޮންމެވެސް ވަަރަކަށް މަގު ކޮށައި ދެއްވެނީ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހަރުކަށި ވިސްނުންތައް އޮންނަ ކަމަށާއި އެ ވިސްނުންތަކަށް ތާއީދުކުރާ މީހުން ތަމްރީނު ކުރާ ތަނެއްގެ ގޮތުގައި ރާއްޖެ ސިފަ ކުރަން ފެށުމުން ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އެކި ގައުމުތަކުގެ އެއާޕޯޓްތަކުގައި ރާއްޖޭގެ ދަތުރުވެރިން ހިފެހެއްޓޭ ހިފެހެއްޓުމަކީ އެފަދަ ކަމެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.

" ... ކުރީގައި އޮތް ކިތައް އިމްތިޔާޒު އަޅުގަނޑުމެންގެ އަތުން ބީވެ ހިނގައްޖެތޯ؟ އަޅުގަނޑުމެންގެ ގައުމަށް ރާއްޖޭން ބޭރުން ފައިސާ އެތެރެކުރާ ކަމަށް ވަންޏާ ކިހާ ހިފެހެއްޓުންތަކެއް އެބަ ހިފަހައްޓާތޯ؟ އެއީ ކީއްވެގެންތޯ؟ އެއީ މިދެންނެވި ކަހަލަ ވިޔާނުދާ ހަރަކާތް ހިންގާ ބަޔަކަށް، ފައިސާ އަތަށް އަރައިފާނެތީ،" ރައީސް ވިދާޅުވިއެވެ.

އަދި ވިދާޅުވީ ރާއްޖޭން ބޭރުން ފައިސާ އެތެރެކުރުމަކީ ހަމަ ނުކުރެވޭ ވަރުގެ ކަމަކަށް މިހާރު ވެފައިވާ ކަމަށެވެ. އެފަދަ ކަންކަމާ މެދު ރައްޔިތުން ވިސްނަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޫއްޑޫ އެއާޕޯޓުގެ ސީއީއޯ އަދި، ކޫއްޑޫ ތަރައްގީކޮށް ހިންގުމުގައި ސިންގަޕޫރުގެ ޕްރިސްޓީން އައިލެންޑްސް އިންވެސްޓްމެންޓާ ބައިވެރިވާ ރާއްޖޭގެ ކުންފުނި ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަންގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު ވިދާޅުވީ ކޫއްޑޫ ވެގެން ދާނީ މުޅި ދުނިޔޭގައި ވެސް ވޯޓާ ވިލާއާއެކު ހުޅުވާ ފުރަތަމަ އެއާޕޯޓް ހޮޓަލަށް ކަމަށެވެ. އަދި މިއީ ރާއްޖޭގެ އެއާޕޯޓެއްގައި ތަރައްގީ ކުރި މިފަދަ ފުރަތަމަ ރިސޯޓެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރާނަން މިކަން ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑަށް ވެސް އެރުވޭތޯ ވެސް" ޖަނާހު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އެ ފަރާތުން އެ އަތޮޅުގައި ތަރައްގީ ކުރާ މާމުޓާގެ މަސައްކަތް ވެސް ނިންމާ މި އަންނަ އަހަރު ހުޅުވާނެ ކަމަށެވެ.

މާކިއޯ މޯލްޑިވްސް ކޫއްޑޫ ރިސޯޓުގައި ވަނީ 43 ވޯޓާ ވިލާއާއި 25 ބީޗް ވިލާއެވެ. އޭގެ ތެރެއިން 20 ވިލާއެއްގައި އެތަންތަނަށް ހާއްސަ ސްވިމިން ޕޫލްތައް ހިމެނެއެވެ. އަދި ކެއިން ބުއިމުގެ ކަންތައްތަކަށް ރަނގަޅު ފެންވަރުގެ ތިން ރެސްޓޯރެންޓް ހުންނަ އިރު މުނިފޫހި ފިލުވުމުގެ ގިނަ ވަސީލަތްތަކެއް އެތަނުގައި ވެއެވެ. އޭގެ ތެރޭގައި ޑައިވް އަދި ވޯޓާ ސްޕޯޓްސް ސެންޓަަރަކާއި ސްޕާއެއް ހިމެނެއެވެ.

މާކިއޯއަކީ މެދު ފަންތީގެ ހޮޓާތައް ފުޅާ ދާއިރާއެއްގައި ހިންގާ ފްރާންސްގެ ކުންފުންޏެއް ކަަމަށްވާ "އެކޯ ހޮޓެލްސް" ގެ ބްރޭންޑެކެވެ. އެކުންފުނިން ދުނިޔޭގެ 58 ގައުމެއްގައި 700 ހޮޓާ ހިންގައެވެ.

މިރޭގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މޫސާ ޒަމީރާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމާއި ސިންގަޕޫރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންްނަވާ ސަފީރާއި ޕްރިސްޓިން އައިލެންޑްސް އިންވެސްޓްމެންޓާއި ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން އާއި އެކޯ ހޮޓެލްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މިރޭ މި ރިސޯޓް ހުުޅުވި އިރު ގއ. އަތޮޅުގައި 1000 ދިވެހި މުވައްޒަފުން ތަމްރީންކޮށް ވަޒީފާ ދިނުމުގެ އެއްބަސްވުމެއްގައި ކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދު އެ ރަސްމިއްޔާތުގައި ސޮއިކޮށްފައި ވެއެވެ. އަދި ރިސޯޓް ހުުޅުވައި ދެއްވުމަށް ރައީސް ވަޑައިގެންނެވުމުގެ ޝަރަފުގައި ހަދާނީ އައްޑަނައެއް އެ މަނިކުފާނަށް މިރޭ އެރުވި އެވެ.