ރައިސް އަބްދުﷲ ޔާމީން ގއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ވިލިނގިއްޔަށް ވަޑައިގަތުމުން އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކޮށްފި އެވެ.
ރައީސް ވިލިނގިއްޔަށް ވަޑައިގަތީ މިއަދު ހަވީރު 5:00 ހާއިރުގަ އެވެ. އެ ވަގުތު އެމަނިކުފާނަށް މަރުހަބާ ކިޔަން ބަނދަރު ސަރަހައްދުގައި ޕީޕިއެމްގެ ސަޕޯޓަރުން ތިއްބެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބެނާތައް ހިފައިގެން މުޒާހަރާ ކުރުމަށް އެ ސަރަހައްދަށް ދިޔުމުން ފުލުހުން ވަނީ އިދިކޮޅު ފަރާތްތައް ފަހަތަށް ޖައްސާފަ އެވެ.
އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަމުން އަންނާތީ އެސްއޯ ފުލުހުން އަންނަނީ ރަށުގެ އެކި ސަރަހައްދުތަކުގައި ބެރިކެޑް ބަހައްޓާ މުޒާހަރާކުރާ ފަރާތްތައް ދުރަށް ޖައްސަމުންނެވެ. އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތައް ރުޅިގަދަވެ އަޑުގަދަކޮށް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވެ އެވެ. މުޒާހަރާ ކުރުމަށް ފުރުސަތު ނުދިނުމުން އިދިކޮޅު ފަރާތްތަކުން ވަނީ ރަށުގެ އެހެން މަގުތަކުގައި އަޑުގަދަކޮށް މުޒާހަރާކުރަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް ފުލުހުން އަންނަނީ އެކަމަށް ވެެސް ހުރަސް އަޅަމުންނެވެ.
މުޒާހަރާ ކުރަމުން ދިޔަ އިރު ބައެއް ޕީޕީއެމްގެ ސަޕޯޓަރުން ވެސް އެ ސަރަހައްދަށް އައިސް އިދިކޮޅު ފަރާތްތަކަށް ފާޑު ކިޔާފައިވެ އެވެ. ނަމަވެސް ފުލުހުން ވަނީ ޕީޕީއެމް ސަޕޯޓަރުން އެ ސަރަހައްދުން ފޮނުވާލައިފަ އެވެ. ނަމަވެސް ޕީޕިއެމްގެ އާންމު މެންބަރުން އެކި މަގުތަކުން އިދިކޮޅު ފަރާތްތަކާ ކުރިމަތިލާ ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރި އެވެ.
ވިލިނގިލީގައި ރައީސްގެ ޝެޑިއުލް އޮތް ގޮތުން ފުރަތަމަ ޕީޕީއެމްގެ ޖަގަހައަށް ވަޑައިގަތުމަށް ފަހު އެ ރަށުގެ މިސްކިތް ހުޅުވުމަށް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް އަދި މިސްކިތް ހުޅުވާފައެއް ނުވެ އެވެ. ބެލެވޭ ގޮތުގައި މުޒާހަރާގެ ސަބަބުން ރައީސްގެ ދަތުރުފުޅުގެ އެޖެންޑާއަށް ވަނީ ބަދަލު ގެނެސްފަ އެވެ. ރައީސް ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަން މިރޭ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.