ހަބަރު

ޝިޔާމަށް އަނިޔާކުރުމުން އެކި ރަށްރަށުގައި އިހުތިޖާޖު ކުރަނީ

މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ހިނގައިދިޔަ ހަމަނުޖެެހުންތަކުގެ ތެރެއިން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް ލިބުނު އަނިޔާތަކާ ގުޅިގެން ރަށްރަށުގައި ތިބި އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން އިހުތިޖާޖުތައް ކުރިއަށް ގެންދަން ފަށައިފި އެވެ.

މަޖިލީހުގެ އެމްޑީޕީގެ މެންބަރުން ވެގެން ޝިޔާމް ތަޅުމުން ނެރެން ކުރެއްވި މަސައްކަތުގެ ތެރޭގައި އޭނާއަށް އަނިޔާ ވުމުން މިދިޔަ ބުދަ ދުވަހުގެ ހަވީރު އޭނާގެ އުފަން ރަށް، ޅ. ނައިފަރުގައި އިހުތިޖާޖު ކުރި އެވެ.

އިދިކޮޅު ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އެހެން ބައެއް ރަށްރަށުގައިވެސް ޝިޔާމަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި އިހުތިޖާޖު ކުރަމުންދާ ކަމަށެވެ. މި ގޮތުން މިދިޔަ ހޮނިހިރު ދުވަހު ގއ. ވިލިނގިލިގައި އަދި އިއްޔެ ހއ. ބާރަށް، އިހުތިޖާޖުތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މިއަދު ހއ. ކެލާގައިވެސް އިހުތިޖާޖުކޮށްފައިވެ އެވެ. އިހުތިޖާޖުތައް އަދިވެސް އޮންނާނެ ކަމަށް ހީނާ ވިދާޅުވި އެވެ.

މި އިހުތިޖާޖުގެ ބައިވެރިން ގޮވާލަމުން ދަނީ ޝިޔާމަށް އަނިޔާ ކުރި މަޖިލީހުގެ މެންބަރުންނަށާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފިޔަވަޅު އެޅުމަށެވެ. ރައީސް ނަޝީދުގެ އިސްތިއުފާއަށް ވެސް ބައިވެރިން ގޮވާލާއިރު، ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ވެސް ގޮވާލަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ހަވީރު ގއ. ވިލިނގިލީގައި ޕީޕީއެމްގެ ސަޕޯޓަރުން އިހުތިޖާޖް ކުރަނީ

ރާއްޖޭގެ ބައެއް ރަށްރަށުގައި އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން އިހުތިޖާޖުކޮށްފައިވާއިރު، މާލޭގައި ކޮވިޑް-19 ގެ ބަލި ފެތުރޭތީ އާންމުކޮށް މަގުމައްޗަށް ނުކުމެ އުޅުން މަނާކޮށް މާލެ ސަރަހައްދު ވަނީ ލޮކްޑައުންކޮށްފަ އެވެ. އެހެންކަމުން މާލޭގައި އިހުތިޖާޖުތައް ނުބޭއްވޭނެ އެވެ.

ހޯމަ ދުވަހުގެ ރޭގެ ޖަލްސާގެ ތެރެއިން ތަޅުމުގައި ހަމަނުޖެހުން ހިނގަން ފެށީ ރިޔާސަތުން ޝިޔާމްގެ ނަން އިއްވުމުން ވެސް ތަޅުން ދޫކުރައްވަން އޭނާ ދެކޮޅު ހައްދަވަން ފެށްޓެވި ހިސާބުންނެވެ. އޭނާ ތަޅުމުން ނެރުނީ އެމްޑީޕީގެ މެންބަރުންތަކެއް އޭނާ ވަށާލައި "ހިފައިގަނެގެން" ގެންގޮހެވެ.

އެރޭ ޖަލްސާ ކުރިއަށް ގެންދިޔައީ އިދިކޮޅު މެންބަރުން ނުލަ އެވެ. ޝިޔާމް ތަޅުމުން ބޭރުކޮށްލުމުން އޭނާއާއެކު އިދިކޮޅު މެންބަރުން ފުލުހުންގެ އިދާރާއަށް ވަޑައިގެން މައްސަލަ ރިޕޯޓް ކުރި އެވެ. އަދި ފަހުން އޭނާއަށް ފަރުވާ ހޯދުމަށް އޭޑީކޭއަށް ވެސް މެންބަރުން ވަޑައިގަތެވެ.

ޝިޔާމްގެ މައިބަދައަށާއި މޭކަށިގަނޑަށް އަނިޔާތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ޖެހިދާނެ ކަމުގެ އިޝާރާތެއް ޑޮކްޓަރުން ދިނުމުން އެ ކަމަށް ތައްޔާރުވަމުންދާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ޝިޔާމް ހުށަހެޅުއްވި މައްސަލަ ބަލަމުންދާނެ ކަމަށް ފުލުހުން ބުނެފައިވާއިރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް އެހެން ވިދާޅުވެފައިވެ އެވެ. އިމްރާންގެ އެ ވާހަކައާ ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުންނާއި ރައީސް ނަޝީދު ވެސް ނުރުހުން ފާޅު ކުރައްވާފައިވެ އެވެ.