ހަބަރު

ފައިނަލް ލިސްޓުގައި ވެސް ނަމެއް ނެތް!

"ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ ފްލެޓްތަކުގެ ތެރެއިން މާލޭގެ ކެޓަގަރީ 1 އާއި ކެޓަގަރީ 2 ގެ ފްލެޓްތަކަށް ޝަރުތުހަމަވެ ފްލެޓް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓް ފޯމް ނަންބަރުތަކެއްގެ ގޮތުގައި ހައުސިން މިނިސްޓްރީން އާއްމުކޮށްފި އެވެ.

ސަރުކާރުގެ ގެޒެޓްގައި މިއަދު ޖެހި އިއުލާނެއްގައި ބުނެފައި ވަނީ ފޯމް ނަމްބަރުތަކުގެ ލިސްޓް މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv ގައި ޝާއިއުކޮށް، މި އިޢުލާން މި މިނިސްޓްރީގެ ނޯޓިސް ބޯޑުގައި ބަހައްްޓާފައި ހުންނާނެ ކަމަށެވެ.

ފްލެޓްތައް ލިބޭ ފަރާތްތަކާއެކު އެގްރީމެންޓް ހެދުމުގެ ކުރިން، އެފަރާތެއްގެ އަދި އެފަރާތެއްގެ މައިންބަފައިންގެ އަދި އަނބިމީހާ ނުވަތަ ފިރިމީހާގެ ގޯތިގެދޮރާ ބެހޭ މަޢުލޫމާތު އިތުރަށް ބަލައި ޗެކްކުރާނެ ކަމަށް ހައުސިން މިނިސްޓްރީގެ އިއުލާނުގައި ވެއެވެ. އަދި ދެމަފިރިން ފްލެޓަށް ހޮވިއްޖެނަމަ، ދެމަފިރިންނަށް ލިބޭނީ އެއް ފްލެޓް ކަމަށް ވެސް އެއިއުލާނުގައި ވެއެވެ.

މި އަދު އާއްމު ކުރި 2 ލިސްޓުގައި، އެއް ސުމާރު ނަންބަރެއްގައި 2 ފޯމް ނަންބަރު ޖަހާފައިވަނީ ދެމަފިރިންނަށް ލިބޭ ފްލެޓްތަކުގަ އެވެ. ދެމަފިރިން ހޮވިއްޖެނަމަ ދެމަފިރިންނަށް ލިބޭނީ އެއް ފްލެޓް ކަމަށް އިއުލާނުގައި ބުނެގައި ވެއެވެ.

ފައިނަލް ލިސްޓް އާއްމުކޮށްފައި މިވަނީ އަލަށް އިއުލާން ކުރި 661 ފްލެޓު ލިބުން ފަރާތްތަކުގެ މައުލޫމާތު ހާމަ ނުކުރުމާއި މަދުން ޕޮއިންޓު ލިބުނު ފަރާތްތަކަށް ވެސް ފްލެޓު ލިބިފައިވާ ކަމުގެ ޝަކުވާ ބޮޑުވެ ފާޑު ކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެ މައްސަލައަށް އިޝާރާތް ކުރައްވާ ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ފްލެޓުތައް ލިބޭ ފަރާތްތައް ކަނޑައެޅުމުގެ ކުރިން ފޯމުތައް ހުށަހެޅި ފަރާތްތަކުގެ މައުލޫމާތުތައް ރަނގަޅަށް ބަލާ އެތަށް ފަހަރެއްގެ މަތިން ޗެކްކޮށްފައިވާ ކަމަށެވެ.

އަދި ގެދޮރުވެރިކަން ދެވެނީ ނިކަމެތިކޮށް ދިރިއުޅޭ ފަރާތްތަކުގެ ޒާތީ ދިރުއުޅުމުގެ މައުލޫމާތުތަކަށް ބަލާފައި ކަމަށާއި އެހެންކަމުން ފްލެޓު ލިބުނު މީހާގެ ވަނަވަރުތައް ހާމަ ކުރުމުން އެ މީހާ ދިރިއުޅުމުގެ ހާލަތު އާންމުވެ އެ މީހެއްގެ ހައްގުތަކަކަށް އަރައިގަނެވޭނެ ކަމަށެވެ.

މާދަމާ ހައުސިންގެ މައްސަލަތަކުގެ މައުލޫމާތު ދިނުމަށް މިނިސްޓަރު މުއިއްޒު ނޫސްވެރިންނާ ބައްދަލު ކުރައްވާނެ އެވެ.