ހަބަރު

"ގައުމުދެކެ ލޯބިވާނަމަ އަޅުގަނޑަށް ފުރުސަތުދީ"

ގައުމު ތަރައްގީ ކުރަން ބޭރުން ބަޔަކު ނާންނެ ކަމަށާއި އެކަން ކުރަން ރައްޔިތުން އިންތިހާބު ކޮށްފައިވަނީ އެމަނިކުފާނު ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ. އެހެންކަމުން ގައުމުދެކެ ލޯބިވާނަމަ ތަރައްގީ ގެންނަން އެ މަނިކުފާނަށް ފުރުސަތު ދޭން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ގއ. ވިލިނގިލީގައި ބޭއްވި ޕީޕީއެމް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފިކުރު އިދިކޮޅުވީ ނަމަވެސް މުޅި ގައުމުގެ މަސްލަހަތުގައި މަސައްކަތް ކުރެވެން ޖެހޭނެ ކަމަށާއި މަޝްވަރާ ވެސް ކުރެވެން ޖެހޭނެ ކަމަށެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވެރިކަން ރައްޔިތުން ހަވާލުކުރީ، ރައްޔިތުން އެދޭ ތަރައްގީ ގެނެސްދޭނެ ކަމަށް ރައްޔިތުން އުއްމީދު ކުރާތީ ކަމަށެވެ.

"އަޅުގަނޑުމެންނަކީ އެއް އަމާޒެއްގައި އެއް އަޒުމެއްގައި މަސައްކަތް ކުރާ ބަޔަކަށް ވާންޖެހޭ، އެއް ހުވަފެނެއްގައި މަސައްކަތް ކުރާ ބަޔަކަށް ވާންޖެހޭ، އެ ހުވަފެނަކީ ކޮބައިތޯ؟ އެ ހުވަފެނަކީ ކައިރީގައި މިވާ މީހުންނަށް އަޅުގަނޑުމެންނާ ކައިރި ނުވާވަރުގެ ތަނަވަސް، އިމާންތެރި އަދި އަޒުމުވަރުގަދަ ދިވެހިވަންތަ ބޭރުގެ ނުފޫޒުތައް ނާންނަވަރުގެ ގައުމަކަށް ރާއްޖެވުން، އެ މަސައްކަތެއް ކޮށްދޭކަށް ފަރަންޖީނެއް ނާންނާނެ، އެ މަސައްކަތް ކުރަން ތިބީ އަޅުގަނޑުމެން، އެހެންވީމަ އެ މަސައްކަތް ކުރަން 2013 ގައި އަޅުގަނޑު އިންތިހާބުކުރީ، އެހެންވީމަ އެ މަސައްކަތް ކުރަން އަޅުގަނޑަށް ޖާގަ ލިބެން އެބަޖެހޭ، އެ ޖާގަ އެބަ ދެއްވަންޖެހޭ ރާއްޖެދެކެ ލޯބިވާ ކޮންމެ މީހަކު ވެސް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ތަނަވަސް މީހުން ނުވަތަ ނުފޫޒުގަދަ މީހުންނާއި ނިކަމެތި މީހުންނާ ވެސް ގާނޫނު ކުރިމަތީގައި އެއްވަރުވާނެ ކަމަށެވެ. ދެ ދަރަޖައިގެ މީހުންގެ އުޅިގެން ނުވާނެ ކަމަށެވެ. ދެ މިންގަނޑަކުން ރައްޔިތުންނާމެދު އަމަލު ކުރާ ނަމަ، މި ސަރުކާރުން ގެންނަން ބޭނުންވާ ސުލްހަ ނުގެނެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ގައުމު އަމާން ބަނދަރަކަށް ގެންދިޔުމަކީ ގައުމީ މަސްލަހަތެއް ކަމަށާއި ގައުމީ މަސްލަހަތަށް މަސައްކަތް ކުރާ ޕާޓީއަކީ ޕީޕީއެމް ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން ޕީޕީއެމް ދެކެ ލޯބިވެ، ޕީޕީއެމްއަަށް ކާމިޔާބު ހޯދުމަށް މަސައްކަތް ކުރުމަކީ ގައުމީ ވާޖިބެއް ކަމަށެވެ. ޕީޕީއެމްގެ ސަރުކާރު ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ގައުމީ މަސައްކަތެއްގެ ގޮތުގައި ރައީސް ސިފަކުރެއްވި އެވެ.

ތަރައްގީ ބޭނުންވާނަމަ ދާއިރާއަށް ބޭނުން ވަނީ ޕީޕީއެމް މެންބަރެއް ކަމަށާއި އެމަނިކުފާނު ހުންނެވީ އެ ދާއިރާއަށް ވެސް ބޮޑެތި ތަރައްގީ ގެނެސްދެއްވަން ތައްޔާރަށް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެގޮތުން 2018 ގައި އިންތިހާބުވެވަޑައިގެންފިނަމަ ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅުއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއަށް ވެސް ތަރައްގީތައް ގެނެސްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"ތިޔަ ބޭފުޅުންގެ ހުވަފެނަކީ އަޅުގަނޑު ދެކެން ބޭނުންވާ ހުވަފެން، އަޅުގަނޑުގެ މަސައްކަތުން ހަގީގަތަކަށް ހަދައިދޭން ބޭނުންވާ ކަންކަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ހުންނެވީ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދެއްވަން ކަމަށާއި އެކަމަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.