ހަބަރު

ނަމާ ނުލައި ލިސްޓު ނެރުމުން އެކަމާ އޭސީސީ މަޝްވަރާ ކުރަނީ

ފްލެޓު ލިބޭ މީހުންގެ ވަނަވަރު ހާމަ ނުކޮށް، ވަގުތީ ލިސްޓު އާންމު ކުރި މައްސަލަ އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުން އަންނަނިކޮށް، ދާއިމީ ލިސްޓު އާންމު ކުރުމުން ފިޔަވަޅެއް އަޅާނެތޯ މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭސީސީން ބުނެފި އެވެ.

ފްލެޓު ލިބޭ 661 ފަރާތެއްގެ ވަގުތީ ލިސްޓު ހާމަ ކުރި އިރު އެއްވެސް މީހެއްގެ ނަމެއް ހާމަ ނުކުރާތީ ހައުސިން މިނިސްޓްރީއަށް ވަރަށް ބޮޑަށް ފާޑު ކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އަދި އެ މައްސަލަ އެންޓި ކޮރޮޕްޝަން ކޮމިޝަނުން ވެސް ދިޔަައީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް ތަހުގީގު ކުރިޔަށް ދަނިކޮށް ހައުސިން މިނިސްޓްރީން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމު ކުރުމާ ގުޅިގެން "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ އެ ދާއިމީ ލިސްޓު އާންމު ކުރި މައްސަލާގައި އަދި ވަކިގޮތެއް ނުނިންމާ ކަމަށެވެ. އެހެން ނަމަވެސް އެ މައްސަލާއާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ލުތުފީ ވިދާޅުވި އެވެ.

"ފްލެޓު ލިބުނު މީހުންގެ ލިސްޓުގެ މައްސަލަ މިހާރު ވެސް މި އަންނަނީ ތަހުގީގު ކުރަމުން، ދާއިމީ ލިސްޓު އާންމު ކުރި މައްސަލާގައި ކޮމިޝަނުން އަދި ވަކިގޮތެއް ނުނިންމަން، އެކަމަކު އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް މިހާރު މިތިބީ ބައްދަލުވުމެއްގައި،" ލުތުފީ ވިދާޅުވި އެވެ.

ނަން ހާމަނުކޮށް ފްލެޓުތަކުގެ ވަގުތީ ލިސްޓު އާންމު ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މައްސުލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ވެސް އަންނަނީ ބަލަމުންނެވެ. އަދި އެ ލިސްޓާ ބެހޭ މައުލޫމާތުތައް އެ ކޮމިޓީއަށް ހައުސިން އިން ހިއްސާ ކުރި ކަމަށްވެ އެވެ. ނަމަވެސް އެއްވެސް ފަރާތެއްގެ ނަންތައް ހާމަ ކުރި ކަމެއް ސަފެއް ނުވެ އެވެ. އަދި އެކަމާ ގުޅޭ ގޮތުން އެ ކޮމިޓީގެ މުގައްރިރު ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުގެ ބަހެއް ލިބޭގޮތް ވެސް ވަނީ ނުވެފަ އެވެ.

އެ މައްސަލައަށް އިޝާރާތް ކުރައްވާ ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ފްލެޓުތައް ލިބޭ ފަރާތްތައް ކަނޑައެޅުމުގެ ކުރިން ފޯމުތައް ހުށަހެޅި ފަރާތްތަކުގެ މައުލޫމާތުތައް ރަނގަޅަށް ބަލާ އެތަށް ފަހަރެއްގެ މަތިން ޗެކްކޮށްފައިވާ ކަމަށެވެ. އަދި ގެދޮރުވެރިކަން ދެވެނީ ނިކަމެތިކޮށް ދިރިއުޅޭ ފަރާތްތަކުގެ ޒާތީ ދިރުއުޅުމުގެ މައުލޫމާތުތަކަށް ބަލާފައި ކަމަށާއި އެހެންކަމުން ފްލެޓު ލިބުނު މީހާގެ ވަނަވަރުތައް ހާމަ ކުރުމުން އެ މީހާ ދިރިއުޅުމުގެ ހާލަތު އާންމުވެ އެ މީހެއްގެ ހައްގުތަކަކަށް އަރައިގަނެވޭނެ ކަމަށެވެ.

އެ މައްސަލާގައި އިތުރު މައުލޫމާތު ދިނުމަށް މިއަދު 1:00 ހާއިރު ހައުސިން މިނިސްޓްރީން ނޫސްވެރިންގެ ބައްދަަލުވުމެއް ބާއްވާނެ އެވެ.