ހަބަރު

16 މީހެއްގެ ފައިގައި މާދަމާ ޓެގް އަޅުވާނެ: ޕޮލިސް

Sep 27, 2017
3

މޮނިކޮން އޯޑާރުގެ ދަށުން މާދަމާ ނުރައްކާތެރި 16 މީހެއްގައި ފައިގައި ޓެގް އަޅުވާނެ ކަމަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވެއްޖެ އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝިފާން ވިދާޅުވީ ކުށުގެ ވެށީގައި އުޅޭ މީހުންގެ ތެރެއިން ޖިނާއީ ދައުވާއެއް ކުރެވި ހައްޔަރުގައި ނުބޭތިއްބޭ ލެވަލްއެއްގައި ކެޓަގަރައިޒް ނުކުރެވޭ ފަރާތްތައް ވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ތިބެން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެގޮތުން އެފަދަ 16 މީހެއްގެ މައުލޫމާތު ޓެގު އެޅުމުގެ މަރުހަލާތަކަށް ހަވާލު ކުރެވިފައިވާ ކަމަށެވެ. އެގޮތުން މާދަމާ 16 މީހެއްގެ ފައިގައި ޓެގު އަޅުވާނެ ކަމަށް ޝިފާން ވިދާޅުވި އެވެ.

"ޓެގު ކުރުމުގައި އަމަލު ކުރެވޭ ގޮތަކީ ހޯމް މިނިސްޓަރުގެ އެދިލެއްވުމަކަށް ހައިކޯޓުން ނެރުއްވާ އަމުރެއް، އަޅުގަނޑުމެންގެ ފަރާތުން 16 މީހެއްގެ ލިޔެކިޔުންތަކާއި މައުލޫމާތުތައް ވާނީ ފޮނުވާފައި، އެހެންވެ މާދަމާ އެހާހިސާބަށް ދެވޭނެ ކަމަށް މައުލޫމާތު ލިބޭ، މިއީ ވަރަށް ބޮޑު ކުރިއެރުމެއް، ހާއްސަކޮށް މިފަދަ މައްސަލަތައް ނުރައްކާތެރި ވަޔަލަންޓް ކްރައިމް ހިނގަމުންދާއިރު އެ މައްސަލަތަކަށް ޓެކަލް ކުރަން ލިބޭނެ މުހިންމު ފުރުސަތެއް،" ޝިފާން ވިދާޅުވި އެވެ.

މޮނިކޮން އަމުރުގެ ދަށުން އެންމެ ފުރަތަމަ ޓެގު އަޅުވަން ފަށާފައި ވަނީ ހޯމް މިނިސްޓަރު ކަމުގައި އުމަރު ނަސީރު ހުރި ދުވަސްކޮޅެވެ. އެ ދުވަސްވަރު 15 މީހެއްގެ ފައިގައި ޓެގް އަޅުވައިގެން ފުލުހުން މޮނިޓާ ކުރަމުން ދިޔަ އެވެ. ނަމަވެސް އުމަރު މަގާމުން އިސްތިއުފާ ދިން ފަހުން ޓެގު އެޅުވުން އޮތީ ހުއްޓިފަ އެވެ.

ޓެގު އެޅުވި މޮނިޓާ ކުރުމުގެ ގޮތުން ހައި ކޯޓުން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ޓެގު އަޅުވާ ފަރާތްތައް ރޭގަނޑު 10:00 އާއި ހެނދުނު 6:00 އާ ދެމެދު ގެއިން ބޭރަށް ނުދިއުމާއި ހޯމް މިނިސްޓަރުގެ ހުއްދަ ނެތި މާލެއިން ފުރައިގެން ނުދިއުން ހިމެނެ އެވެ. އަދި އެ އަމުރުގައި ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކަކަށް ނުދިއުމާއި އެމީހުންގެ މާލީ މުއާމަލާތްތަކާއި މުދާ ކޮންޓްރޯލްކުރުމުގެ ގޮތުން ފިޔަވަޅު އެޅުމުގެ އިތުރުން އިލެކްޓްރޯނިކް އާލާތްތައް އެމީހުންގެ ހަށިގަނޑުގައި ނުވަތަ ދިރިއުޅޭތަނުގައި ހަރުކުރުމާއި އެމީހެއްގެ ފޮޓޯއާއި ދިރިއުޅޭ ތަންތަނުގެ ފޮޓޯއާއި އެމީހެއްގެ ފިންގާ ޕްރިންޓްފަދަ ސާމްޕަލްތައް ނަގައި އެމީހުން މޮނީޓަކޮށް ކޮންޓްރޯލްކުރުން ހިމެނެ އެވެ.