ހަބަރު

މައުލޫމާތު ހާމަ ކުރުމުގެ ރަންވަނަ އޭސީސީއަށް!

އިންފޮމޭޝަން ކޮމިޝަންގެ ފަރާތުން ދޭ، މައުލޫމާތު ހާމަ ކުރުމުގެ ރަންވަނަ އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އަށް ދީފި އެވެ.

މައުލޫމާތު ހާމަ ކުރުމުގެ ހައްގު ލިބިގަތުމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިރޭ އިސްލާމިކް ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ރަންވަނައާ ހަވާލުވީ އޭސީސީގެ ރައީސް ހަސަން ލުތުފީ އެވެ. މައުލޫމާތު ހާމަ ކުރުމުގެ ރަންވަނައަކީ އެ އިދާރާ ނުވަތަ މުއައްސަސާއާ ބެހޭ މައުލޫމާތުތައް ވީހާ ވެސް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ލިބޭނެ ގޮތް ހަމަޖައްސާދީފައި ހުރުމާއި އެންމެހާ މައުލޫމާތު ހާމަ ކުރާ ފަރާތްތަކުގެ މެދުގައި ތިން ދަރަޖައަކަށް ބަހާލައިގެން އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށް ލިބޭ ވަނަ އެކެވެ.

އެގޮތުން މިނިވަން މުއައްސަސާތަކުގެ ތެރެއިން މައުލޫމާތު ހާމަ ކުރުމުގެ ރަންވަނަ އޭސީސީއަށް ލިބިފައިވާ އިރު ކައުންސިލް އިދާރާތަކުގެ ތެރެއިން ހއ. އަތޮޅު ކައުންސިލްގެ އިދާރާއަށް ވެސް އެ އިނާމް ލިބިފައިވެ އެވެ.

އޭގެ އިތުރުން މައުލޫމާތު ހާަމަ ކުރުމުގެ ދެވަނަ ދަރަޖަ ލިބިފައިވާ އިދާރާތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހާއި ޓޫރިޒަމް މިނިސްޓްރީއާ އިލެކްޝަން ކޮމިޝަން އަދި އިސްލާމިކް އެފެއާޒް ހިމެނެ އެވެ. އަދި އެންމެ ދަށުން ދަރަޖަ ލިބިފައިވާ އިދާރާތަކުގެ ތެރެގައި ހައުސިން މިނިސްޓްރީއާ ޖެންޑަ މިނިސްޓްރީއާ މާލެ ސިޓީ ކައުންސިލްއަދި އިކޮނޮމިކް މިނިސްޓްރީ އަދި ރައީސް އޮފީސް ވެސް ހިމެނެ އެވެ.

އެކަމާ ގުޅިގެން ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންފޮމޭޝަން ކޮމިޝަނާ އަބްދުލްއަޒީޒް ޖަމާލް އަބޫބަކުުރު ވިދާޅުވީ މައުލޫމާތު ދިނުމުގައި އެންމެ ރަނގަޅު އިދާރާތައް ދަރަޖަކޮށް އިނާމް ދިނުމުގެ ބޭނުމަކީ އެ އިދާރާތައް އަމިއްލަ އިސްނެގުމުގެ މަތިން މައުލޫމާތުތައް ހާމަ ކުރުމުގެ ސަގާފަތެއް އަށަގަނުވުމަށް ކަމަށެވެ. އަދި އެ މަސައްކަތް ކާމިޔާބު ވަމުން އަންނަ ކަމަށާއި އެގޮތުން މިދިޔަ އަހަރު އެއްވަނަ ދަރަޖާގައި ހިމެނުނީ އެންމެ އިދާރާއެއް ކަމަށެވެ. އެހެން ނަމަވެސް މި އަހަރު އެއްވަނަ އަށް ފަސް އިދާރާއެއް ހިމެނޭ ކަމަށާއި 18 އިދާރާއަކުން މައުލޫމާތު ހާަމަ ކުރުމުގައި ކުރިއެރުން ހޯދާ ކަމަށް އަޒީޒް ވިދާޅުވި އެވެ.

"މިދިޔަ އަހަރު ރަންވަނައަށް ކުރިމަތިލީ އެންމެ ތިން އަދާރާއަކުން، ނަމަވެސް މި ފަހަރު އެ މަގާމަށް 18 އިދާރާއަކުން ވާދަ ކުރެއްވި، އެހެންވީމަ ރަންވަނައަކީ އަންނަ އަހަރު ވަރަށް ވާދަވެރި އެވޯޑަކަށް ވާނެ ކަމާމެދު ޝައްކެއް ނުކުރަން،" އަޒީޒް ވިދާޅުވި އެވެ.