ހަބަރު

މަރާ ގުޅިގެން ހައްޔަރުކުރި މީހުންނަށް 12 ތުހުމަތެއް

ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވި ދެ ޒުވާނުންގެ މަރާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ މައްޗަށް ފުލުހުން ބޮޑެތި ތުހުމަތުތަކެއްކޮށްފި އެވެ.

ކުއްލި ހާދިސާއެއްގައި މަރުވެފައި ވަނީ އުމުރުން 22 އަހަރުގެ ތ. ތިމަރަފުށި އަހުމަދު ހާމީން އާއި، އުމުރުން 18 އަހަރުގެ މާލެ، ދަފްތަރު ފާތުމަތު ސަމާ އެވެ. އެންމެ ފުރަތަމަ އަޑު ފެތުރުނު ގޮތުގައި ހާމީން މަރުވީ ފުޓްބޯޅަ ކުޅެން ހުއްޓާ މެއަށް ތަދެއް އަރައިގެން އެވެ. އެހެން ނަމަވެސް ފަހުން އެނގުނު ގޮތުގައި އެއީ މުޅިން ދޮގު ވާހަކަ އެކެވެ.

އެ މައްސަލައިގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ފުލުހުން ވަނީ އެ މައްސަލައިގެ ތަހުގީގެއް ފަށައި ހާމީން އާއި އޭނާގެ ރަށްޓެހިން ތިބި ހުޅުމާލެ ގޮނޑުދޮށުގެ ސަރަހައްދު ވެސް ބަލައި ފާސްކޮށްފަ އެވެ. އަދި އެ ސަރަހައްދުން ޕާޓީ ޑްރެގްތަކެއް ފެނިފައި ވާތީ ހާމީން އާއި އަދި މަރުވި އަންހެން ކުއްޖާއާ އެކު އެއްތަނެއްގައި ތިބި ކަމަށް ޝައްކު ކުރެވުނު ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އެއީ ތިން ފިރިހެނުންނާއި އެއް އަންހެނެކެވެ. އެ ހަތަރު މީހުންގެ ބަންދަށް ވެސް އިއްޔެ ކުރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ.

ކުރިމިނަލް ކޯޓުން ހަތަރު މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވަނީ ފުލުހުން އެ ހަތަރު މީހުންގެ މައްޗަށް ވެސް ބޮޑެތި ތުހުމަތުތަކެއް ކުރާތީ ކަމަށް ވަނީ އެނގިފަ އެވެ. އެނގިފައިވާ ގޮތުގައި ފުލުހުން ވަނީ ހަތަރު މީހުންގެ މައްޗަށް 12 ތުހުމަތެއް ކޮށްފަ އެވެ. އެ ތުހުމަތުތަކުގެ ތެރޭގައި ޑައިމޯފިން ޓްރެފިކްކުރުމާއި ޕެޑެލްކުރުން އަދި މުއާމަލާތްކުރުން ހިމެނެ އެވެ. އަދި ކެނެބިސް ޓްރެފިކް ކުރުމާއި ޕެޑެލްކުރުން އަދި މުއާމަލާތްކުރުމުގެ ތުހުމަތު ވެސް ވަނީ ކޮށްފަ އެވެ.

އޭގެއިތުރުން ކޮށްފައިވާ ތުހުމަތުތަކަކީ އަމިއްލައަށް މަރުވާން އެދުމާއި އަމިއްލައަށް މަރުވާން މަޖުބޫރުކުރުމާއި އެހެން މީހަކު އަމިއްލައަށް މަރުވާން އެހީވެ ދިނުމާއި އަމިއްލައަށް މަރުވާން މަޖުބޫރުކުރުމާއި އަމިއްލައަށް މަރުވާން އުޅުމެވެ. އެކި ބާވަތުގެ މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ތުހުމަތު ވެސް ކުރެ އެވެ.

އެރޭގެ ހާދިސާގެ މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މަރުވި ސަމާ އަކީ ހާމީންގެ ކަޒިންއެއް ރަށްޓެހިވެގެން އުޅޭ ކުއްޖާ އެވެ. ސަމާގެ ލޯބިވެރިޔާ ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެ އެވެ. އަދި އެ މީހުންނާއި އިތުރު ރަށްޓެހިންތަކެއް ހުޅުމާލޭ ޓްރެކް ސަރަހައްދު ގޮނޑުދޮށުގައި ތިބެގެން އެ މީހުންގެ ރަށްޓެހި ކުއްޖެއްގެ އުފަންދުވަހުގެ ޕާޓީއަށް ދިޔައީ ތައްޔާރުވެ މަޝްވަރާ ކުރަމުންނެވެ. ބައެއް މީހުން ބުނާ ގޮތުގައި އެ ދެ ޒުވާނުން މަރުވީ މަޖާގަނޑުގެ ތެރޭގައި ތިބެ އެ މީހުން ބޭނުން ކުރި ޑްރަގެއްގެ ސަބަބުން މެޔަށް ކުއްލިއަކަށް ތަދެއް އަރައި ހިތް ހުއްޓިގެން އެވެ.

މެޔަށް ތަދެއް އެރުމުން ގެސްޓް ހައުސް ރޫމް ތެރެއަށް ވެއްދުމަށްފަހު، ހާމިންއަށް ފަރުވާ ދިނުމަށް ރަހުމަތްތެރިން މަސައްކަތް ކުރި ކަމަށްވެ އެވެ. އޭނާގެ ހާލު ގޯސްވުމުން ހޮސްޕިޓަލަށް ގެންގޮސް ރަހުމަތްތެރިން ފުރަތަމަ އެ ހާދިސާގެ ވާހަކަ ކިޔައިދިނީ އޮޅުވާލައިގެންނެވެ.