ލައިފްސްޓައިލް

އަވަސް އަވަހަށް ބަނޑުހައިވަނީތަ؟

Oct 1, 2017

ކައި ނިމިގެން ނުކުންނަ އިރަށް އެހެން މީހަކު ކެއުމަކަށް ދައުވަތު ދީފިނަމަވެސް ނޫނެކޭ ނުބުނާ މީހުން އުޅެ އެވެ. އާންމުކޮށް އެފަދަ ދައުވަތުތައް ގަބޫލު ކުރަނީ މައިގަނޑު ދެ ސަބަބެއް އޮވެގެންނެވެ. ފުރަތަމަ ސަބަބެއް ކަމަށް މީހުން ބުނަނީ ދައުވަތު ދިން މީހާ ދެރަނުކޮށްލުމަށެވެ. ކާއެއްޗެއްސަށް ނޫނެކޭ ނުބުނާށެވެ. އާންމުކޮށް ހައްދެއް ނެތް މިންވަރަށް ގިނައިން ކާ މީހުން ދައްކާ ބަހަނާ އަކީ މިއީ އެވެ. ދެ ވަނަ ސަބަބެއް ކަމަށް ވަނީ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ބަނޑުހައިވާތީ އެވެ. އެހެން ނަމަވެސް އެވާހަކަ ދައްކާ މީހުން މަދެވެ. ކޮންމެ މީހަކުވެސް "އަނެއްކާ ބަނޑުހައިވީ؟ ދެންމެއޭ ތި ކެއީ" އެހެން ބުނާތީ އެވެ. އަދި ބުނާނެތީ އެވެ.

އަވަސް އަވަހަށް ބަނޑުހައިވަނީ ކީއްވެެގެން ކަން އެނގޭހެއްޔެވެ؟ އެއީ ކެއުމުގައި ހަށިގަނޑަށް މުހިންމު ބައެއް މާއްދާތައް ނެތީމަ އެވެ. ބަނޑު ފުރިފައި ހުންނަކަން ސިކުނޑިއަށް ނަގައިނުދެވޭތީ އެވެ. އެ މެސެޖުތައް ސިކުނޑިއަށް ފޯރުކޮށްދޭން "އެމިނޯ އެސިޑް" ހުންނަ ކާނާ ބޭނުންކުރަން ޖެހެ އެވެ. މިސާލަކަށް ކުކުޅު، އެވޮކާޑޯ، ވޯލްނަޓް، ޕްލަމްސް، އެލްމަންޑްސް، ފަދަ ކާނާތައް ކެއުމުގައި ހިމަނާށެވެ. އެ ލިސްޓު ކިތަންމެ ދިގުކޮށްވެސް ކީ ދާނެ އެވެ.

ބަނޑުފުރިފައި ހުންނަ ކަން ސިކުނޑިއަށް ފޮނުވައިދެނީ ޓެނީސައިޓްސް ނަމަކަށް ކިޔާ ސެލް ގްރޫޕަކުންނެވެ. އެ ސެލްތައް ސްޓިމިއުލޭޓްވާނީ އެންމެ އެކަށީގެންވާ ވަރަށް ހަށިގަނޑަށް އެމިނޯއެސިޑް ލިބިގެންނެވެ. ހާއްސަކޮށް ބަރުދަން ލުއިކުރަން ބޭނުންވާ މީހުންނަށް މިއި ވަރަށް މުހިންމު މާއްދާއަކަށްވާނެ އެވެ.

އޮބޭސިޓީ ނުވަތަ ހަށިގަނޑު އެކަށީގެންވާ މިންވަރަށްވުރެ ބޮޑަށް ފަލަވެ އަދި ގިނައިން ކެއުމުގެ ނުރަނގަޅު އާދަ ހިފާފައި ތިބި މީހުންނަށް ފަރުވާކުުރުމަށް އެމިނޯއެސިޑް ހިމެނޭ ކާނާ ބޭނުންކުރެ އެވެ. އެއީ މަދުއެތިކޮޅެއް ކައިގެން ބަނޑުފުރިފައި ހުންނަ ކަމުގެ ސިގްނަލް ސިކުނޑިއަށް ފޯރުކޮށްދިނުމަށެވެ.