މީހުން

ހުނަރުވެރި އަންހެނުން: ކިޔެވުން ދޫކޮށްލީ މިކަމަށް ހުސްވާން

އުމުރުން 22 އަހަރުގެ އައިޝަތު ދީމާ އަކީ އެކަހަލަ އަންހެނެކެވެ. "ހުނަރުވެރި އަންހެނާ" ގެ ފުރަތަމަ ހޮވުމަކީ، ހުނަރުން ފުރިގެންވާ މި ޒުވާނާ އެވެ.

*** *** ***

"ވަޒީފާއެއްގެ ގޮތުގައި އަޅުގަނޑު އެންމެ ފުރަތަމަ މަސައްކަތްކުރީ އެޗްއާރު ދާއިރާގައި. އެ ދާއިރާ އިން ކޯސް ވެސް ހެދިން. އެކަމަކު އެއް އަހަރުގެ ކިޔެވުމަށް ފަހު އެ ހިސާބަކުން ފޫހިވީ،" ވަކި ގޮތަކަށް ހެދުން އަޅައިގެން ވަކި ތައްގަނޑަކަށް ތަބާވާން ޖެހުމުން ވެރިވި ފޫހިކަމުގެ ވާހަކަ ދީމާ ފެށީ މިހެންނެވެ.

އޭނާ ބުނީ އޭނާގެ އަމިއްލަ ހިޔާލުތައް އެހެން ބަޔަކު ކޮންޓްރޯލްކުރާތަން ބަލަން ބޭނުން ނުވާ ކަމަށެވެ.

"އޮފީހެއްގައި މަސައްކަތްކުރާ ނަމަ ހަމަހަމަކަމެއް އަސްލު ނުލިބޭ. އެކަމަކު އަމިއްލަ މަސައްކަތެއް ނަމަ އިތުރު މީހެއްގެ ނުފޫޒެއް އެއަކަށް ނުވަންނާނެއެއްނޫން."

އެހެންވީމަ އޭނާ އަމިއްލަ މަސައްކަތެއް ފެށީ އެވެ. އަމިއްލަ ހުނަރުވެރިކަން ސަލާމަތްކޮށް މިނިވަންވީ އެވެ.

ނަތީޖާ އަކީ ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލުވަމުން އަންނަ "ބަލްގިޝް ދަތި" އެވެ. މިއީ ބުރުގާ އަޅާ މީހުންނަށް ހާއްސަ، ބުރުގާގައި ޖަހަން ބޭނުންކުރާ ދައްޗެކެވެ.

އެންމެ ކުޑައިރު ވެސް ދީމާ އަކީ "ކްރިއޭޓިވް" މަސައްކަތްތަކަށް ޝައުގުވެރިވި ފަރާތެކެވެ. ތިން އަހަރުގައި ހެދުން ފަހަން ދަސްކޮށްފި އެވެ. ސްކޫލްގައި އުޅުނުއިރު ކުރެހުމަށް ވެސް ކްލާހުން އެންމެ މޮޅު ދަރިވަރަކީ އޭނާ އެވެ.

އެންމެފަހުން އޭނާގެ އަމިއްލަ "ބްރޭންޑެއް" ފެށީ އެވެ. މި ކަވި މަސައްކަތަށް އޭނާގެ ހުރިހާ ވަގުތެއްހެން މިހާރު ވަނީ ހުސްކޮށްފަ އެވެ.

"މުޅި ދުވަސް އެކުގައި މި އުޅެނީ މި މަސައްކަތުގައި މިހާރު. އަޅުގަނޑަކީ ކުރިން ވެސް އާންމުކޮށް ވަރަށް ހެނދުނާ ހޭލާ މީހެއް. ފަހެއް ހައެއް ޖަހާއިރު ހޭލަން،" ތިން މަހުގެ ދަރިއެއްގެ މަންމައެއްގެ ގޮތުގައި މިހާރު ހުރި ދީމާ ބުންޏެވެ.

"ބަނޑުބޮޑުއިރު ވެސް ފަތިހު ހޭލައިގެން އިންނާނީ ޕިންސް ހަދަން. ދެން ރޭގަނޑު ދިހަގަޑިބައި ވަންދެން ވެސް ހުންނަން، ދުޅަ ދެ ފައި ގޮނޑިއަކަށް ނަގައިގެން އެގޮތަށް."

މިހާރުގެ ފިރިމީހާއާ ކައިވެނިކޮށްގެން ދީމާ ވަޒީފާ އިން ކެނޑުނީ އެވެ. އޭނާގެ އާ ވިޔަފާރި ހަގީގަތަކަށް ހަދައިދިނުމަށް އެހީތެރިވި އެންމެ މުހިންމު ނަމަކީ ޔަގީނުން ވެސް އޭނާގެ ފިރިމީހާ އެވެ. އޭނާ އަކީ ގްރެފިކް ޑިޒައިނަރެކެވެ.

ދެ މީހުންގެ ހިޔާލާއި ހުނަރު އެއްކޮށްގެން "ބަލްގިޝް ދަތި" މަޝްހޫރުކޮށްފައިވާއިރު މިއީ ދީމާގެ ހަމައެކަނި މަސައްކަތެއް ވެސް ނޫނެވެ.

ބުރުގާ އެޅުން ދިވެހިންގެ މެދުގައި ފެޝަނަކަށް ބަދަލުވެ ވިޔަފާރިއަކަށް ބަދަލުވެފައިވާއިރު ދީމާ އަކީ ވެސް އޭނާގެ ހުރި ހުނަރެއް ބޭނުންކޮށްގެން އޭގެ ފައިދާ ނަގަމުން އަންނަ ފަރާތެކެވެ. އެގޮތުން ބުރުގާ އަށް ހާއްސަ ދަތީގެ އިތުރުން މޭކަޕްކޮށްދިނުމާއި ބުރުގާތައް ކައިވެނި ހަފުލާތަކަށް ޖަރީކުރުމާއި ބުރުގާ އަޅުވައި ދިނުމުގެ ހިދުމަތް ވެސް އޭނާ ދަނީ ގެންދަމުންނެވެ.

މިއީ މާލޭގައި މިހާރު ވަރަށް ވެސް އާންމުވެފައިވާ ވިޔަފާރިއެކެވެ. އެހެންވީމަ ދީމާގެ ހިދުމަތް އެހެން ފަރާތްތަކާ ތަފާތުވަނީ ކިހިނެތް ހެއްޔެވެ؟

"އަޅުގަނޑުމެންގެ އެންމެ ބޮޑު ތަފާތަކީ ކޮންމެ މަހަކު އާ ކަލެކްޝަނެއް ނެރެފަ، އާ ޑިޒައިންތަކެއް އަޅުގަނޑުމެން ކޮންމެ މަހަކު ވެސް އެބަ ނެރެން އެ ދުވަސްވަރެއްގެ ޓްރެންޑަކާ އެއްގޮތަކަށް،" ދީމާ ބުންޏެވެ.

"މީގެ ދެ ވަނަ އެއްޗެއް ނުލިބޭނެ އެހެން ތަނަކުން. ހުރިހާ ފިހާރައަކުން ވެސް ލިބޭނެ މިހާރު ބުރުގާ ޕިންސްތައް. އެކަމަކު މި ވައްތަރުގެ، މި ޕިންސްތަކެއް ނުލިބޭނެ އެއްވެސް ފިހާރައަކުން."

އޭނާގެ އަތުގައި ހުރި ބުގުރާ ޕިންސްތަކުގެ އެންމެ ހެޔޮ އަގަކީ 15ރ. އެވެ. އެންމެ އަގުބޮޑުކޮށް ވިއްކަނީ ލިމިޓެޑް ކަލެކްޝަނަށް ނިސްބަތްވާ ޕިނެވެ. އޭގެ ޕިނެއްގެ އަގަކީ 55ރ. އެވެ.

"އެންމެ ބޮޑު ސަމާލުކަމެއް ދޭ ކަމަކީ މި އެއްޗެހީގެ ކޮލިޓީ އަށް. އަޅުގަނޑުމެން ނުވިއްކަން އަޅުގަނޑުމެން ހަދާ އެއްޗެއް އަޅުގަނޑުމެން ޓެސްޓްނުކޮށެއް،" ކޮލިޓީއާ ބެހޭ ގޮތުން އަހާލުމުން ދީމާ ބުނީ މިހެންނެވެ.

އޭނާ ބުނީ ކަސްޓަމަރުންގެ ފަރާތުން މިހާތަނަށް ޝަކުވާތަކެއް ލިބިފައި ނުވާ ކަމަށެވެ.

ޕިންސް ހެދުމަށް ބޭނުންވާ ހުރިހާ އެއްޗިއްސެއް އޭނާގެ އަތުގައި އެބަ ހުއްޓެވެ. ބޭނުންވާ އެއްޗެހި އާންމުކޮށް ގެންނަނީ ޔޫކޭ އާއި ޗައިނާ އާއި ބެންކޮކުންނާއި މެލޭޝިއާ އިންނެވެ. މަސައްކަތް ފުރިހަމަކުރުމަށް ކުރާ ހޭދަ މަހެއްގެ މައްޗަށް 8،000 ރުފިޔާ އަށް އަރާ ކަމަށް ދީމާ ބުންޏެވެ.

އޭނާ ބުނީ އެއަށް ފަހު ލިބޭ ހިތްހަމަޖެހުމާއި ނަތީޖާ ވަރަށް ވެސް ފޮނި ކަމަށެވެ.

ބުރުގާ ޕިންސް އާއި މޭކަޕް އަދި ބުރުގާ ޖަރީކުރުމާއި އަޅުވައި ދިނުމުގެ މަސައްކަތުން މަހެއްގެ މައްޗަށް ލިބޭ އާމްދަނީ 10،000ރ. އާއި 30،000އާ ދެމެދުގައި އުޅޭ ކަމަށް އޭނާ ބުންޏެވެ.

"ބުރުގާ ޖަރީކޮށް އަޅުވައި ދިނުމަށް، މިކޮޅުން ހުރިހާ އެއްޗެއް ޕްރޮވައިޑްކޮށްދޭ ނަމަ އަގުތައް މި އުޅެނީ 300 އާއި 1000ރ. އާ ދެމެދު،" ދީމާ އިތުރަށް ސާފުކޮށްލަދިނެވެ.