ހަބަރު

މުއްދަތު ހަމަވިރުވެސް އިޖުރާއަތު ގާނޫނުގެ ގަވާއިދުތައް ނުހެދޭ

ރާއްޖޭގެ އަދުލުގެ ނިޒާމަށް ބޮޑު އިންގިލާބެއް ގެނައި، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށިތާ މިހާރު ވަނީ ތިން މަސް ވެފަ އެވެ. ފުލުހުންނާއި ޕްރޮސިކިއުޓާ ޖެނަރަލް އޮފީހާއި ކޯޓުތަކުން އެ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއުތަކަށް އަމަލުކުރަން ފެށީ ޖުލައި މަހުގެ ދެވަނަ ދުވަހުން ފެށިގެންނެވެ.

ބޮޑެތި އިންގިލާބީ ބަދަލުތަކަކާއެކު ގާނޫނަށް އަމަލުކުރަން ފެށިތާ އިއްޔެއަށް ތިން މަސްވީއިރު ގާނޫނީ ބޭފުޅުން ދަނީ ވަރަށް ބޮޑު ކަންބޮޑުވުމެއް ފާޅުކުރަމުންނެވެ. އެއީ، އެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތައް ނުހެދުމެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ގަވާއިދުތައް ހަދަންޖެހޭނީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުންނާއި ސުޕްރީމް ކޯޓުންނެވެ. ޕީޖީ އޮފީހުން ވަނީ ގާނޫނަށް އަމަލުކުރަން ފެށި ދުވަހު ގަވާއިދު އާންމުކޮށްފަ އެވެ. އަދި އެ ގަވައިދުތައް އިސްލާހުކޮށް މި މަހުގެ އެއްވަނަ ދުވަހު ވަނީ އާ ގަވާއިދެއް އެކުލަވާލާފަ އެވެ.

ގާނޫނުގައިވާ ގޮތުން ގަވާއިދުތައް، ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ހަދައި ނިންމަން ޖެހޭނެ އެވެ. ނަމަވެސް ގާނޫނުގައިވާ މުއްދަތު އިއްޔެއަށް ހަމަވިއިރު ސުޕްރީމް ކޯޓުން ގަވާއިދުތައް އެކުލަވާލާފައެއް ނުވެ އެވެ. އެ ކޯޓުން އެކުލަވާލަންޖެހެނީ ޝަރީއަތްކުރުމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތަކެވެ.

އެ ގަވާއިދުތައް ނެތް ނަމަވެސް މިހާރު ވެސް ދަނީ ގާނޫނުގައިވާ އިޖުރާއަތާ އެއްގޮތަށް ޝަރީއަތްތައް ހިންގަމުންނެވެ. ނަމަވެސް ބައެއް ތަކެތި ވަކި ހާއްސަ ފޯމެއްގައި ހުށަހަޅަންޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާއިރު އެ ފޯމްތަކުގެ ފޯމެޓާއި ހުށަހަޅާނެ އުސޫލަކީ ގަވާއިދުތަކާއެކު އެކުލަވާލަންޖެހޭ އުސޫލެކެވެ.

ގަވާއިދުތައް ހެދުން ލަސްވާތީ މީގެކުރިން ވެސް ބައެއް ވަކީލުން ވަނީ ފާޑުވިދާޅުވެފަ އެވެ. އެ މައްސަލަ އެންމެ ބޮޑަށް ފާހަގަކުރެއްވި މައުމޫން ހަމީދު ވިދާޅުވެފައިވަނީ، ގާނޫނަކުން ވަކި ގޮތަކަށް އަމަލުކުރަން ލާޒިމްކުރުމުން އެއިން ބަރީއަތްވެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އެ ގަވާއިދުތައް ހެދުމަކީ ސުޕްރީމް ކޯޓަށް އިހުތިޔާރެއް ނޫން ކަމަށާއި ޒިންމާއެއް ކަމަށެވެ.

ގާނޫނުގައި ބުނާ މުއްދަތުގައި ގަވާއިދުތައް އެކުލަވާލެވިފައިނުވާއިރު، ދެން އަމަލުކުރާނެ ގޮތެއް އަދި ނޭނގެ އެވެ. މިކަމުގައި ކުރިއަށް އޮތްތާ ގިނަ ވަކީލުން ކަންބޮޑުވުން ފާޅުކުރާނެ ކަމަށް ބެލެވެ އެވެ.