ހަބަރު

އާއިލީ ހުކުރުވެސް ފެށިގެން ނިމެނީ ވައިބާ ގުރޫޕުން

ހަފްތާގެ އެންމެ ބިޒީ ދުވަސްތައް ނިމި އެންމެންވެސް ތައްްޔާރުވަނީ ހުކުރު ދުވަހު އާއިލާއާއެކު އުފާވެރި ދުވަހެއް ހޭދަ ކޮށްލާށެވެ. ބުރާސްފަތި ދުވަހުން ފެށިގެން އާއިލާގެ އެންމެނަށް ގުޅައި ހުކުރު ދުވަހަށް އެންމެން އެއް މޭޒެއް ދޮށަށް ގެންނަން މަސައްކަތް ފަށައެވެ. އަންހެން ވެރިން ހުކުރު ނަމާދަށްފަހު އާއިލާގެ އެންމެނަށް ބޮޑު ކެއުން ތައްޔާރު ކުރުމުގައި އަވަދިނެތި އުޅެ އެވެ. އާއިލާއާއެކު އެއް މޭޒެއް ދޮށުން ބައްދަލުވެލައި ސައްލާކޮށްލަން ލިބޭ ދުވަހަކީ ހުކުރު ދުވަސް ކަމަށް ވާތީ އެވެ. ހުރިހާ މެންބަރުން ބައްދަލުވާނެ ދުވަހަކީވެސް އެއީ ކަމަށް ވާތީ އެވެ. އާއިލީ ގުޅުން ބަދަހި ކޮށްލަން ލިބޭ ދުވަހަކީވެސް އެއީ އެވެ. މިއީ މީގެ ފަސްވަރަކަށް އަހަރު ކުރިން އާއިލީ ހުކުރެއް ރޭވިގެން ކުރިއަށްދާ ގޮތެވެ. ނަމަވެސް މިހާރު އާއިލީ ހުކުރު މުޅިން ތަފާތެވެ.

ޒަމާން ބަދަލުވެ ދިރިއުޅުމަށްވެސް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. ޓެކްނޮލޮޖީގެ އާ ހަރުފަތްތަކަކަށް ދުނިޔެ ގިރާކޮށް ފާއްކާވަމުންދާއިރު ދިވެހީންގެ ދިރިއުޅުމަށްވެސް މިވަނީ ވަރަށް ބޮޑެތި ބަދަލު ތަކެއް އައިސްފަ އެވެ. ޓެކްނޮލޮޖީގެ ޖީލެއް މިވަނީ އުފެދިފަ އެވެ. އާއިލާގެ ކޮންމެ މެންބަރެއްގެ އަތުގައި ފަހުގެ ޓެކްނޮލޮޖީ އައެކު މިވަނީ ބަނދެލާފަ އެވެ. ހުކުރު ދުވަސްވެސް މިހާރު ނިމެނީ ފަހުގެ އެޕްތަކުގެ މޮޅު ސްޓިކާތަކުންނެވެ.

ދިވެހީންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނެސްދިން އެކައްޗަކީ ވައިބާއޭ ބުނުމުން ދޮގަކަށް ނުވާނެ އެވެ. ކޮންމެ އާއިލާ އަކުން ވައިބާ ގްރޫޕެއް ހަދައި ހުރިހާ މެންބަރުން ސައްލާ ކުރާ ތަނަކަށް ވައިބާ ގުރޫޕް ވެގެން ގޮސްފި އެވެ. އާއިލާ ތެރޭގައި ކުރާނެ ކަންކަންވެސް ރޭވިގެން ދަނީ އެ ވައިބާ ގުރޫޕުން ނެވެ. އާއިލީ ހުކުރަށް ވެސް މިވަނީ ވައިބާ ވަދެ ބޮޑު ބަދަލެއް އައިސްފަ އެވެ.

މީގެ ފަސްވަރަކަށް އަހަރު ކުރީގައި ހުކުރު ދުވަހު މެންދުރު އާއިލާއާ ބައްދަލު ކޮށްލަން އެންމެން އެއްވާނެއްގައި އެއް ގެއަކަށް އެއްވެ މުޅި ދުވަސް ކަހަލަ ގޮތަކަށް އެކު އެކީގައި ހޭދަ ކޮށްލަ އެވެ. ނަމަވެސް މިހާރު ހުކުރު ދުވަސް ފެށިގެންވެސް ދަނީ ވައިބާ ގުރޫޕްގެ މެސެޖުންނެވެ. ހުކުރު ދުވަހުގެ ހެނދުނު ފެށިގެން ދަނީ ވައިބާ ގުރޫޕްގައި ޖަހާލާ "ހެޕީ ފްރައިޑޭ" ސްޓިކާ އަކުންނެވެ. އެންމެންވެސް އެއަށް ރައްދު ދީ ތަފާތު އެކި ކަހަލަ ސްޓިކާ ފޮނުވައި ބައިވެރި ވެލައެވެ. ހުކުރު ދުވަހުގެ ސައްލާ އެހާ ހިސާބުން ފެށުނީ އެވެ.

މެންދުރުގެ ކެއުމުގެ ވަގުތު ޖެހުމުން ހުކުރު ދުވަހު މެންދުރު އެންމެ ފަސޭހައިން ކޮށްލާ ކަމަކީ ސްޓިކާ އަކުން ކުކުޅު ފައެއް ކަހަލަ އެއްޗެއް ފޮނުވާލުމެވެ. އެހާ ހިސާބުން އެ ގެއެއްގެ ކެއުމުގައި ބައިވެރި ވެވުނީ އެވެ. އެގެއަކުން ކާން ދެވުނީ ކަމަށް އެވީ އެވެ. ނޫނީ ކޮންމެ ގެއެއްގައި ހަދާފައި ހުންނަ ކާއެއްޗެހީގެ ފޮޓޯ ގުރޫޕަށް އަޅާލުމުން އެހާހިސާބުން އެންމެނަށް ކެއުން ދެވުނީ އެވެ. އެއީ ކާން ދައުވަތު ދޭންވެސް ބައެއް ގްރޫޕްތަކުގައި ކޮށްލާ ކަމެކެވެ.

"އަސްލު މިހާރު ވަގުތު ވިޔަސް ވައިބާ ގުރޫޕުން އެންމެނާ ދިމާވެ، އެހެންވެ ދެން އެތަނުގައި ހުރިހާ ވާހަކައެއް ދެކެވެނީވެސް، އެއް މޭޒެއް ދޮށަށް އެއް ނުވިޔަސް ދައްކަން ބޭނުންވާ ވާހަކަތައް އެތަނުގައި ހިއްސާކޮށް ސަކަރާތް ޖަހާލެވޭ، އެހެންވެ އެންމެން އެއް ނުވެ ބައްދަލު ނުވިޔަސް ފުދޭ،" އާއިލާގެ އެންމެ ހަގަށް ހުންނަ ޒުވާނަކު ބުންޏެވެ.

ފޯނުން ގުޅާލައި އާއިލާގެ ހާލު ބަލާލުންވެސް މިހާރު މިވަނީ ވައިބާއާ ގުޅި ލާމެހިފަ އެވެ. ވައިބާ ގުރޫޕްގައި ހާލު އަހާލުމުން ހުރިހާ ކަމެއް ނިމުނީ އެވެ. ގޭގެ އެންމެންގެ ހާލުވެސް އޭގެން ބަލާލުމުން ހުރިހާ ކަމެއް ނިމުނީ އެވެ. މާމަ އާއެކު ހޭދަކޮށްލާ ހިތްގައިމު ވަގުތުތައްވެސް ވައިބާއަށް ބަދަލުވީ އެވެ. ކޮންމެ ހުކުރު ދުވަހަކު މާމަގެ އެއް ވާހަކަތަކެއް އަޑުއަހާ ހީ ސަކަރާތް ޖަހާލަންވެސް މިހާރު އޮންނަނީ ވައިބާ ގުރޫޕުން ނިމިފަ އެވެ. ބައެއް މީހުން "ސީން" ކޮށްލާފައި އެހާ ހިސާބުން ނިންމާވެސް ލައެވެ.

"ފަހުގެ ޓެކްނޮލޮޖީގެ ސަބަބުން އެންމެނާ ގުޅުން ބަދަހިވޭ، އެކަމަކު އެއީ ވައިފައި އަކުން، ކުރިން އެކުގައި އެއް ކޮޓަރިއެއްގައި އެއް ވާހަކަތަކެއް ކޮންމެ ހުކުރު ދުވަހަކު ދައްކައި ޖަހާ ސަކަރާތް ވައިބާ ގުރޫޕަކުން ނުފުދޭނެ ދޯ، އެންމެން އެއްތަނަކުން ބައްދަލުވީމަ އެލިބޭ އުފާވެރިކަމެއް ނުލިބޭނެ ވައިބާ ގުރޫޕަކުން، އަސްލު މީހުން ބުނަނީ ޓެކްނޮލޮޖީގެ ސަބަބުން ގުޅުން ބަދަހިވަނީ އޭ، އެކަމަކު އަސްލު މީހުން ދުރުވަނީ، ކުރިން ހުކުރު ދުވަހު އެންމެން ދިމާވޭ. މިހާރު މަހަކު އެއްފަހަރު ވެސް ދިމާނުވޭ،، ވައިބާ ގްރޫޕުން ހުރިހާ ކަމެއް ނިމިގެންދަނީ،" ދެ ދަރީންގެ ބައްޕައަކު ބުންޏެވެ.

ދިވެހީންގެ އާއިލީ ގުޅުން މިހާރު މިއޮތީ ޓެކްނޮލިޖީވެފަ އެވެ. ވައިފައި ކަނެކްޝަނަށް ބަރޯސާ ވެފަ އެވެ. އެހާމެ އަވަހަށް ގުޅުން ބަދަހިކޮށްލަ ދެއެވެ. ވައިފައި ކަނެކްޝަން ކެނޑޭއިރަށް އެހާމެ އަވަހަށް އެގުޅުން ވެސް ކެނޑިގެން ދެއެވެ. ޓޭކްނޮލޮޖީގެ ސަބަބުން ވައިބާ ގުރޫޕްއަކުން ގުޅުން ބަދަހިވެ އާއިލާގައި ހިނގާ ހުރިހާ ކަމެއް ހިއްސާ ކޮށްލެވެ އެވެ. ހުކުރުދުވަސް މިހާރު ފެށިގެން ނިމެނީވެސް ވައިބާ ގްރޫޕުންނެވެ. އެއަށް ޝެއާ ކުރާ ފޮޓޯ ތަކުންނެވެ. ނަމަވެސް އެންމެން އެކުގައި އެއް މޭޒަކަށް އަރައި ހީ ސަކަރާތް ޖަހާލުމުން އެ ލިބޭ އުފާވެރިކަން ވައިބާ ގްރޫޕަކުން ފޮނުވާލާ ސްޓިކާއަކުން ހަމަ ގައިމުވެސް ނުފުދޭނެ އެވެ. އެލިބޭ ހިތްހަމަ ޖެހުމެއް ވައިބާ ގްރޫޕަކުން ފޮޮނުވާލާ ފޮޓޯ އަކުން ނުލިބޭނެ އެވެ.