ހަބަރު

މަހާ ޖައްރާފް މިމަހު 30 ވަނަ ދުވަހު ރާއްޖެއަށް

އެމްޓީސީސީ ބަނދެގެން ގެންނަ ކޮންނަ ބޯޓު، "މަހާ ޖައްރާފު" ޗައިނާއިން ފުރާފައިވާ ކަމަށާއި މިމަހު 30 ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ މަހާ ޖައްރާފް ޗައިނާއިން ފުރާފައިވާ ކަމަށާއި ރާއްޖެއަށް އަންނާނީ ސިންގަޕޫރު މަގުން ކަމަށެވެ. އަދި ލަފާކުރެވޭ ގޮތުގައި މިމަހުގެ 30 ވަނަ ދުވަހު މަހާ ޖައްރާފް ރާއްޖެއަށް ފޯރާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެމްޓީސީސީން މަހާ ޖައްރާފާއި ހަވާލުވެފައި ވަނީ މިދިޔަ މަހު އެވެ. އަދި ޑްރެޖަރުން ރާއްޖޭން ބޭރުގައި ވެސް ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޖެނުއަރީ މަހުގެ ތެރޭގައި މޫދަށް ބާލާފައިވާ މި ކޮންނަ ބޯޓުގެ ދިނުމުގައި 92.95 މީޓަރު އަދި ފުޅާމީނުގައި 16.30 މީޓަރު ހުރެ އެވެ. އަދި 50 މީޓަރުގެ އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާއިރު ބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވެ އެވެ.

ބޯޓު ބަނުމަށް އެމްޓީސީސީން 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ) ހޭދަ ކުރި އެވެ. އަދި މި އުޅަނދު ބަނުމުގެ މަސައްކަތް ކުރީ ނެދަލެންޑްސްގެ އައިއެޗްސީއާ ހަވާލުކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓު ޔާޑުގަ އެވެ.