ހަބަރު

ރައީސްގެ ބައްދަލުކުރެއްވުން ފަސްކޮށްފި

Oct 7, 2017
1

ރައީސް އަބްދުﷲ ޔާމީނާއި އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް މިރޭ މާލޭގައި ދިރިއުޅޭ އިސް ރަށްވެހިންނާ ބައްދަލުކުރައްވުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތް ފަސްކޮށްފި އެވެ. ރަސްފަންނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން ފަސްކޮށްފައިވަނީ މޫސުން ގޯސްވުމާ ގުޅިގެންނެވެ.

މިރޭ 8:30 ގައި ފެށުމަށް ރާވާފައި އޮތް ބައްދަލުވުން ދެން އޮންނާނީ އަންނަ ހޯމަ ދުވަހުގެ ރޭ އެވެ.

މި ބައްދަލުކުރެއްވުމަކީ، އިސް ރަށްވެހިންގެ އެ ފަރާތްތަކުގެ ހާލު ބައްލަވައި ހުރި ކަންބޮޑުވުންތައް އޮޅުން ފިލުއްވުމަށް ބާއްވަވާ ބައްދަލުކުރެއްވުމެކެވެ.

ބައްދަލުވުމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިއަދު ވިދާޅުވެފައިވަނީ، އެ ބައްދަލުވުމަކީ ރައީސްގެ ދެކަނބަލުން އިސް ނަންގަވައިގެން ބާއްވަވާ ބައްދަލުވުމެއް ކަމަށާއި މިއީ ސިޔާސީ ހަރަކާރެއް ނޫން ކަމަށެވެ.

"މިއީ ވަކި ޕާޓީއެއްގަ މީހުންނާ ބައްދަލުކުރަން ބާއްވާ ހަރަކާތެއް ނޫން، މިއީ ގައުމީ ހަރަކާތެއް،" މުއާޒު ވިދާޅުވި އެވެ.

މީގެކުރިން ވެސް މިފަދަ ކާމިޔާބު ބައްދަލުވުމެއް ބާއްވާފައިވާކަން ފާހަގަކުރައްވަމުން މުއާޒު ވިދާޅުވީ، އާންމުކޮށް ހުޅުވާލައިގެން ރަސްފަންނުގައި އިސް ރަށްވެހިންނަށް ބާއްވާ ބައްދަލުވުމަށް އެންމެހާ އިސް ރަށްވެހިންނަށް ދައުވަތު ފޮނުވާ ކަމަށެވެ. އެ ބައްދަލުވުމަށް ހުރިހާ އިސް ރަށްވެހިންނަށް ވެސް މަރުހަބާ ކިޔާނެ ކަމަށެވެ.

މުއާޒު ވަނީ މި ސަރުކާރުން އިސް ރަށްވެހިންނަށް ހާއްސަ ސަމާލުކަމެއްދޭކަން ފާހަގަކުރައްވާ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން އިސް ރަށްވެހިންނަށް ދޭ އިނާޔަތް ބޮޑުކުރުމުން އާއިލާތަކަށް އުފާވެރިކަން ލިބިފައިވާކަން ފާހަގަކުރެއްވި އެވެ. އަދި، އިސް ރަށްވެހިން އެ ލަފުޒު ގެނެސްދެއްވި ބާނީއަކީ ރައީސް ޔާމީންކަން ވެސް މުއާޒު ފާހަގަކުރެއްވި އެވެ.