ހަބަރު

ދެ ޒުވާނުންގެ މަރާ ގުޅިގެން ހައްޔަރުކުރި މީހުން ދޫކޮށްލައިފި

Oct 8, 2017
1

މިދިޔަ މަހުގެ 29 ވަނަ ދުވަހު ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވި، ދެ ޒުވާނުންގެ މަރާ ގުޅިގެން ހައްޔަރު ކުރި ހަތަރު މީހުން ފުލުހުން ދޫކޮށްލައިފި އެވެ.

އުފަންދުވަހުގެ ޕާޓީއެއް ބާއްވަން އުޅުމުގެ ތެރޭގައި މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ ކުއްލި ގޮތަކަށް މަރުވެފައި ވަނީ ތ. ތިމަރަފުށްޓައް އުފަން އަހުމަދު ހާމީން، 21 އާއި ދަފްތަރު، ފާތުމަތު ސަމާ، 18 އެވެ. އެ މައްސަލައިގައި ހައްޔަރު ކުރީ ހާދިސާ ހިނގި ވަގުތު އެދެ ޒުވާނުންނާ އެއްކޮށް ތިބި އެ މީހުންގެ ހަތަރު ރަހުމަތްތެރިން އެވެ.

އެ މައްސަލައިގައި ފުލުހުން މިއަދު ބުނީ އެ ހަތަރު މީހުން ދޫކޮށްލީ ރޭގެ ވަގުތެއްގައި ކަމަށާއި އެ މީހުން ދޫކޮށްލީ ބަންދުގައި ބަހައްޓައިގެން އިތުރަށް ތަހުގީގު ކުރަން ޖެހޭ ކަމެއް މިހާރު ނެތުމުން ކަމަށެވެ. އަދި އެ ތަހުގީގުގެ އިތުރު ތަފްސީލެއް ނުދެ އެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ޒުވާނުން ހުޅުމާލޭގައި ތިބި ސަރަހައްދުން ޕާޓީ ޑްރަގްސްތަކެއް ވަނީ ފުލުހުންނަށް ފެނިފަ އެވެ. އަދި އެ ތަހުގީގުގައި ފުލުހުން ވަނީ އެ މީހުން ޕާޓީ ބޭއްވުމަށް ކުއްޔަށް ހިފި ގެސްޓްހައުސްއެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފަ އެވެ.

އެންމެ ފުރަތަމަ އަޑުފެތުރުނު ގޮތުގައި ހާމީން މަރުވީ ފުޓްބޯޅަ ކުޅެން ގޮސް ހުއްޓާ މެޔަށް ތަދެއް އަރައިގެން އެވެ. އަދި ސަމާ މަރުވެފައި އޮއްވާ ފެނުނީ ހުޅުމާލެ ޓްރެކް ސަރަހައްދު މޫދުން އެވެ. އެހެން ނަމަވެސް ފަހުން އެނގުނު ގޮތުގައި ހާމީން މަރުވީ ކުޅެން ގޮސް ހުއްޓަކާ ނޫނެވެ. އަދި ސަމާގެ މަރާއި ހާމީގެ މަރާ ގުޅުން ހުރުމާއި އެކަމުގެ ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ފުލުހުންނަށް އެ މައްސަލައިގެ ތަހުގީގެއް ފެށި އެވެ.