ހަބަރު

ގައުމީ ދުވަހާއި ނޮވެމްބަރު 11 އަށް އެއް ޖަލްސާއެއް

Oct 8, 2017
1

މި އަހަރުގެ ޖުމްހޫރީ ދުވަހާއި ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ، އެއް ރަސްމިއްޔާތެއްގެ ގޮތުގައި، އަންނަ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭ ބާއްވާ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުން ބުނީ މިގޮތަށް ހަމަޖެއްސީ 1439 ވަނަ އަހަރުގެ ގައުމީ ދުވަސް ދިމާވަނީ، ނޮވެންބަރު މަހުގެ 19 ވަނަ ދުވަހުގައި ކަމަށްވާތީ އާއި، މިއަހަރު ޖުމްހޫރީ ދުވަހާއި ގައުމީ ދުވަސް ކައިރި ކައިރީގައި އަންނާތީ، ދެ މުނާސަބަތާ ގުޅުވައިގެން އެއް ޖަލްސާ ބޭއްވެވުމުގެ ގޮތުން ކަމަށެވެ.

މި ޖަލްސާގައި، ސަރުކާރުން ކޮންމެ އަހަރަކުވެސް ދޭ ގައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދިނުން އޮންނާނެއެވެ. އަދި ކީރިތި ޤުރްއާން ހިތުދަސް ކޮށްގެން ޙާފިޒްކަމުގެ ސަނަދު މިއަހަރު ހާސިލުކުރި ޙާފިޒުންނަށާއި، ސާނަވީ އިމްތިޙާނުން މުޅި ދުނިޔެއިން އެއް ވަނަ ހޯދި ދަރިވަރުންނަށާއި، މަތީ ސާނަވީ އިމްތިޙާނުން މުޅި ދުނިޔެއިން އެއް ވަނަ ހޯދި ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ދެއްވުންވެސް އޮންނާނެ އެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް، ޤައުމީ އިނާމާބެހޭ ކޮމިޓީން ދަނީ ކުރަމުންނެވެ.