ހަބަރު

އަނަސްގެ މަރުގެ ޝަރީއަތް މިއަދު ފަށަނީ

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ހަމަލާދީ، ރ. މީދޫ ފެންފިޔާޒުގޭ މުހަައްމަދު އަނަސް މަރާލި މައްސަލާގެ ޝަރީއަތް ފެށުމަށް މިއަދު ކުރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ޝަރީއަތް ކުރިއަށް ގެންދާތީ، މިއަދު އޮންނާނީ މައްސަލާގެ އިބްތިދާއީ އަޑުއެހުމެވެ. އަޑުއެހުން ތާވަލުކޮށްފައިވަނީ މެންދުރުފަހު 3:00 އަށެވެ.

މި މައްސަލާގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ދައުވާކޮށްފައިވަނީ ފަސް މީހެއްގެ މައްޗަށެވެ. އެއީ، މ. ދިމިޝްގު އުސްމާން ޝަރީފާއި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާ، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް، ލ. ގަން ތުނޑީ، ނަންނާރިގެ ޖުނައިހު އަބްދުﷲ އަދި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާގެ މައްޗަށެވެ.

އެ ފަސް މީހުންގެ ތެރެއިން އުސްމާން އަދި ޒަޔާންގެ މައްޗައް ކުރަނީ ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލި ކަމުގެ ދައުވާ އެވެ. ދެން ތިބި މީހުންނަށް ކުރަނީ ތޫނު ހަތިޔާރެއް ބޭނުންކޮށްގެން މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

ފަސް މީހުންގެ އިތުރުން އަނަސް މަރާލި މައްސަލާގައި ކުޑަ ކުއްޖެއްގެ މައްޗަށް ވެސް ވަނީ ދައުވާކޮށް އެ މައްސަލަ ޖުވެނައިލް ކޯޓަށް ފޮނުވާފަ އެވެ. އެ ކުއްޖާގެ މައްޗަށް އުފުލާފައިވަނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ.

އަތޮޅު ފެރީގެ ކެޕްޓަނެއްގެ ވަޒީފާގައި އުޅުނު އަނަސް ވަރަށް އަނިޔާވެރިކޮށް މަރާލީ ފެރީ ދަތުރުގައި މާލެ އައިސް ހުއްޓަ އެވެ. އޭނާގެ އާއިލާއިން ބުނަނީ އަނަސް އަކީ އެއްވެސް ގްރޫޕަކާ މައްސަލައެއް އޮތް ޒުވާނެއް ނޫން ކަމަށެވެ.