ހަބަރު

މައުމޫން ދޫކޮށްލައްވައި ޒައިދުގެ ތާއީދު ރައީސް ޔާމީނަށް

ޕީޕީއެމް އެތެރޭގައި ކޯޅުން ބޮޑުވެ ޕާޓީގައި ދެ ފެކްޝަން އުފެދުނުއިރު ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެންމެ އަރިހުގައި ހުންނެވި މާލޭ ސިޓީގެ ކުރީގެ މެންބަރު ޒައިދުލް އަމީން ކުރީގެރައީސް މައުމޫން އަބްދުލް ގައްޔޫމް ދޫކޮށްލައްވައި ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރަން ނިންމަވައިފި އެވެ.

ޒައިދުލް އަމީން މިރޭ ވިދާޅުވީ، ސިޔާސީ މައިދާނުގައި 2008 ވަނަ އަހަރު ފެށިގެން ރައީސް މައުމޫނަށް އޭނާ ކުރެއްވި ތާއީދު މިއަދުން ފެށިގެން އަނބުރާ ގެންދަވާފައިވާ ކަމަށެވެ. އަދި މިހާރު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ދަމަހައްޓަން މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ 2018 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ހޮއްވެވުމަށް ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ މަސައްކަތެއް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

"ދެހާސް ތޭރަ ވަނަ އަހަރު ރިޔާސީ އިންތިހާބުގައި އަޅުގަނޑު ހިމެނޭ ގޮތަށް މަސައްކަތް ކޮށްގެން ގެނައި މި ސަރުކާރު ދަމަހައްޓައި، ރައީސް ޔާމީން ގެނެސް ދެއްވަމުން ގެންދަވާ ތަރައްގީއާއެކު 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވެސް ރައީސް ޔާމީން ހޮވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑު ކުރުމަށް ނިންމައިފިން،" ޒައިދުލް އަމީން ވިދާޅުވި އެވެ.

ރައީސް މައުމޫންއާއެކު ޒައިދުލް އަމީން ހުންނަވަނިކޮށް ބްލެކްމެއިލްކުރި ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް ދައުވާ ކޮށްފައިވެ އެވެ. އެ މައްސަލާގެ ޝަރީއަތުގައި އޭނާ ބަންދުކުރުމަށްފަހު ފަހުން ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ. އަދި އޭގެ ފަހުން ވަނީ އޭނާ ދޫކޮށްލާފަ އެވެ. މީގެ އިތުރުން ޕީޕީއެމްގެ ތެރޭގައި މައްސަލަ ބޮޑުވެގެން އައި ދަނޑިވަޅު އޭނާ ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.