ހަބަރު

މީޑިއާ ކޮމިޝަން ބިލުގެ ފުރަތަމަ ކިޔުން އިއްވައިފި

މީޑިއާގެ ހުރިހާ މީޑިއަމެއް އެއްތަނަކުން ރެގިއުލޭޓްކުރަން، މީޑިއާ ކޮމިޝަނެއް އުފެއްދުމުގެ ބިލުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގައި އިއްވައިފި އެވެ.

ސަރުކާރު ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދު މަޖިލީހަށް ހުށަހެޅި މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައި ވަނީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ.

މިހާރު އޮންނަ ގޮތުން މީޑިއާތައް ރެގިއުލޭޓް ކުރުމަށް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނެއް ވަނީ އުފައްދައިފަ އެވެ. މީޑިއާ ކައުންސިލް އިން ރެގިއުލޭޓް ކުރަނީ އޮންލައިން ނޫސްތަކާއި މަޖައްލާތައް އަދި ޕްރިންޓް މީޑިއާ އެވެ. އަދި ބްރޮޑްކާސްޓިން ކޮމިޝަނުން ބަލަހައްޓަމުން ދަނީ، ޓީވީ ރޭޑިއޯގެ ކަންތައްތަކެވެ. އެހެން ނަމަވެސް މިއީ ހަރަދު ބޮޑު ކަމެއް ކަމަށް ބުނެ، މި ދެ ކައުންސިލް އެއްކޮށްލުމުގެ ވާހަކަ މީގެ ކުރިން ވެސް މަޖިލީހުގެ ތެރޭގައި އެކި ފަހަރުގެ މަތިން ވަނީ ދައްކައިފަ އެވެ.

މީޑިއާ ކޮމިޝަންގެ ބިލު ފަރުމާކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުން ވޯޓު ދީގެން ކަނޑައަޅާ ހަތް މެންބަރުން ހިމެނޭ ގޮތަށެވެ.