ހަބަރު

ރާއްޖެ ކުރިއެރުވެން އޮތް މަގަކީ ބޭރުގެ އިންވެސްޓަރުން: ރައީސް

ފޮރިން އިންވެސްޓަރުންނާ ދޭތެރޭ ދެކޭ ގޮތް ބަދަލު ކުރަން ޖެހޭ ކަމަށާއި އެ މީހުންނާ ނުލާ ރާއްޖެއަށް ތަރައްގީ ވެވޭނެ އެހެން ގޮތެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އިންވެސްޓްކޮށްފައިވާ ފަރާތްތަކަށް ބޮޑެތި އިނާޔަތްތަކާ އެކު ތައާރަފް ކުރި ކޯޕަރޭޓް ރެސިޑެޓް ވިސާ ޕެކޭޖް ތައާރަފް ކުރުމަށް މިރޭ ދަރުބާރުގޭ ގައި ބޭއްވި ހަފްލާގައި ރައީސް ވިދާޅުވީ ތިން ވަނަ ދުނިޔޭގެ ގައުމުތައް ކުރިއަރާފައިވަނީ އިންވެސްޓަރުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމުގެ ތެރެއިން ކަމަށެވެ. އަދި އިންވެސްޓަރުންނާ މެދު ޝައްކުގެ ނަޒަރަކުން ބެލުމަކީ މާ ކުރީގެ ވިސްނުމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ބޭރުގެ އިންނެސްޓަރުންނާ މެދު ޝައްކުގެ ނަޒަރަކުން ބެލުމުގެ ޝަގާފަތް މިހާރު އުވިފައިވާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، އިންޑިއާޔާއި ސްރީލަންކާ ފަދަ ގައުމުތަކަށް އިންވެސްޓަރުން ނުގޮސް ރާއްޖެ އަންނާނީ އެ މީހުންނަށް ރާއްޖޭގައި ހުރި ފަސޭހަތައް އެނގިގެން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ތަރައްގީ ކުރުމަން މި ސަރުކާރުން ގެންގުޅޭ ވިސްނުމަކީ ބޭރުގެ އިންވެސްޓަރުންނަށް ދޭ އިނާޔަތްތައް އިތުރުކުރުން ކަމަށެވެ.

"ކޭކެއް މީރު ވަނީ އޭގައި ޖަހައި އައިސިން ވެސް މީރުވެގެން. އެހެން ގައުމުތަކުން ވެސް އެ ތިބީ އިންވެސްޓަރުންނަށް ހުޅުވާލައިގެން. ބޭރުގެ އިންވެސްޓަރުންނަށް މިދެވޭ އިނާޔަތްތަކާ ނުލައި އަޅުގަނޑުމެންނަކަށް މި ގައުމަށް އިންވެސްޓަރުން ނުގެނެވޭނެ. އެބޭފުޅުން އެއާޕޯޓަށް އަންނަ ހިސާބުން ރާއްޖޭގައި އުޅޭ އިރު އެބަ ޖެހޭ އެބޭފުޅުންނަށް ފަސޭހަ ގޮތްތަކެއް ހުންނަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ބިދޭސީ ވިޔަފާރިވެރިންނާ އެކު ރާއްޖޭގައި އޮތީ އެހާ ރަނގަޅު މާޒީއެއް ނޫން ކަމަށެވެ. އަދި އެފަދަ ފަރާތްތަކާ އެކު ބާއްވަން ނުޖެހޭ ގުޅުންތައް ބޭއްވުމުގެ ސަބަބުން މަގާމުތަކުން ދުރުވާން ޖެހިފައި ހުރި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ވީހާ ވެސް ބޮޑަކަށް އިންވެސްޓަރުންނަށް ދެވޭ އިނާޔަތްތައް އުސޫލެއްގެ ތެރެއިން އަދި ހާމަކަން ބޮޑު ގޮތެއްގައި ދިނުން ކަމަށެވެ.

ރާއްޖޭގެ އިގްތިސާދުގައި ބިދޭސީ އިންވެސްޓަރުންގެ ހިއްސާ ބޮޑުކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ޓުއަރިޒަމް އެހާ ބޮޑަށް ފުޅާވެގެން ދިޔައީ ރާއްޖޭގެ ދަތުރުފަތުރު ކުރުމުގެ ދާއިރާއަށް ބޭރުގެ ކުންފުނިތަކުން އިންވެސްޓް ކުރުމުން ކަމަށެވެ. އަދި ޓުއަރިޒަމްގެ ދާއިރާއަށް ވެސް ގިނައިން އިންވެސްޓް ކުރީ ބޭރުގެ ފަރާތްތައް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެފަދަ އިންވެސްޓަރުންގެ އަގު ވަޒަން ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"ރާއްޖޭގެ އިގްތިސާދު ފުޅާކުރެވޭނެ މައިނާރެހަކީ އިންވެސްޓަރުން. އެބޭފުޅުންނަށް މި ގައުމުން ލިބެން ހުރި ފަސޭހަތައް ވީހާ ވެސް ބޮޑަށް ފަހިކޮށްދޭން ކެބިނެޓުން މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ. އަޅުގަނޑު ދަންނަވާނީ ހުރިހާ އިންވެސްޓަރުން ވެސް މި ވިސާގެ ބޭނުން ހިފައިން ދިވެހި ފެމިލީއާ ގުޅިވަޑައިގަންނަވާށޭ. ތިބޭފުޅުންނަކީ ވެސް އަޅުގަނޑުމެންގެ އާއިލާތަކުގެ ބައެކޭ،" ރައީސް ވިދާޅުވި އެވެ.

ބޭރުގެ އިންވެސްޓަރުންނަށް ކޯޕަރޭޓް ވިސާ ތައާރަފް ކުރި ނަމަވެސް، ދިވެހިންގެ ތެރޭގައި ތިބި ބޮޑެތި އިންވެސްޓަރުންނަށް ވެސް އެފަދަ ވިސާއެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރާއްޖެ މިހާރު ކުރިއަށް މިދަނީ އިގްތިސާދީ ބޮޑެތި އިންގިލާބުތަކަކާ ދިމާލަށް ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެ އިންގިލާބުތައް ގެނައުމުގައި ބޭރުގެ އިންވެސްޓަރުންގެ ހިއްސާ އަދި މާ ބޮޑުކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން ހުޅުމާލޭގެ މަޝްރޫ އާއި އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއުގެ ތެރެއިން، ޒުވާނުންތަކެއް އިގްތިސާދުގެ ތެރެއަށް ނެރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.