ހަބަރު

ސީއެސްސީގެ ގަވާއިދު އެޕެއް އިފްތިތާހް ކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ގަވާއިދުތައް ހިމެނޭ މޯބައިލް އެޕްލިކޭޝަނެއް އިފްތިތާހް ކޮށްފި އެވެ.

ސިވިލް ސާވިސް ޓްރެއިނިން އިސްޓިޓިއުޓްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މޯބައިލް އެޕްލިކޭޝަން އިފްތިތާހް ކޮށްދެއްވީ ޕާކިސްތާނުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސައީދު ކަވަރް އަލީ ޝާހް އެވެ. ސީއެސްސީ ގެ ގާވާއިދުތައް ހިމެނޭ އެޕްލިކޭޝަން ފަރުމާ ކޮށްފައިވަނީ އެ ކޮމިޝަނުގެ އެޓާނީ އާޔަތުﷲ ހުސެއިން އެވެ.

ރަސްމިއްޔާތުގައި އާޔަތުﷲ ވިދާޅުވީ، ސީއެސްސީ ގަވާއިދަކީ ވަރަށްވެސް ބޮޑު ގަވާއިދެއް ކަމަށާއި އެގޮތުން މުއައްޒަފުންނަށް ވީހާވެސް ފަސޭހަ ކަމާއެކު ގަވާއިދުތައް ބަލާލެވޭނެ ގޮތް ހެދުމުގެ ގޮތުން ތައާރަފް ކުރެވުނު އެޕެއް ކަމަށެވެ. އަދި ލީގަލް ކޮމިޝަނަށް ގަވާއިދާ ގުޅޭގޮތުން ވަރަށް ގިނަ ކޯލްތައް އަންނަ ކަމަށާއި މި އެޕްގެ ސަބަބުން އަންނަ ކޯލްތައްވެސް މިހާރަށް ވުރެ މަދުވެގެން ދާނެ ކަމަށް އާޔަތުﷲ ވިދާޅުވި އެވެ.

"ގަވާއިދަކީ ބަދަލު ވަމުން އަންނަ އެއްޗެއް، އެ އަންނަ ބަދަލާއެކު އެޕްލިކޭޝަން އާއެކީ އަޕްޑޭޓްވެސް ލިބެމުންދާނީ،" އާޔަތުﷲ ވިދާޅުވި އެވެ.

ސީއެސްސީން ބުނީ، މިއަދު އިފްތިތާހް ކުރި އެޕްލިކޭޝަން މިހާރު ޑައުންލޯޑް ކުރެވޭނެ ކަމަށާއި އައިފޯން ތަކަށް ހާއްސަ ކޮށްގެން ވަރަށް އަވަހަށް އެޕްލިކޭޝަނެއް ލޯންޗް ކުރެވޭނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ޕާކިސްތާނުގެ ފަރާތުން ސީއެސްސީ ޓްރެއިނިން އިންސްޓިޓިއުޓަށް ދެ ސްމާޓް ބޯޑުވެސް ހަދިޔާ ކޮށްފައި ވެއެވެ. ސްމާޓް ބޯޑްސްއާ ހަވާލުވެލެއްވުމަށްފަހު ސީއެސްސީގެ ރައީސް އަލީ ޝަމީމް ވިދާޅުވީ، މިއަދު ހަދިޔާކުރި ބޯޑުތަކުގެ ސަބަބުން ޓްރެއިނިން އިންސްޓިޓިއުޓްގައި ކިޔެވައިދިނުމަށް އިތުރު ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށާއި ޓްރެއިނިން ތަކުގައި އެ ބޯޑުތަކުގެ ފުރިހަމަ ބޭނުން ހިފާނެ ކަމަށެވެ.