ހަބަރު

ގޮވާތަކެތި ދެނެގަންނަ މެޝީންތައް އަންނަ ހަފްތާގައި އެއާޕޯޓްގައި ބޭނުން ކުރަނީ

ގޮވާތަކެތި ދެނެގަންނަ މެޝީންތައް ނުވަތަ އެކްސްޕްލޯސިވް ޓްރާންސް ޑެޓެކްޓަރުތައް އަންނަ ހަފްތާއިން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭނުން ކުރަން ފަށާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އެތަކެއްޗަކީ އިނގިރޭސި ވިލާތުގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓްގެ ފަރާތުން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ މެޝިންތަކެކެވެ. އިނގިރޭސި ވިލާތުން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ އަށް އެކްސްޕްލޯސިވް ޓްރާންސް ޑެޓެކްޓަރެވެ. އެކަމަށްޓަކައި ކޯސްޓްގާޑް ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ރާއްޖެއަކީ ޓޫރިޒަމްގެ ސިނާއަތު ވަރަށް ބޮޑަށް ގާއިމް ކުރެވިފައިވާ ގައުމެއް ކަމަށާއި ރާއްޖޭގެ މަދަނީ ވައިގެ ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަން މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އިނގިރޭސި ވިލާތުން މިއަދު ހަވާލު ކުރި ގޮވާތަކެތި ދެނެގަތުމުގެ މެޝީންތައް އަންނަ ހަފްތާއިން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭނުން ކުރަމުންދާނެ ކަމަށެވެ. އެކަމުގެ ސަބަބުން އެއާޕޯޓްގެ ސަލާމަތީ ކަންކަމާއި ފްލައިޓްތަކުގެ ސަލާމަތީ ަކަންކަން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މަދަނީ ވައިގެ ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަން މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް، އެގޮތުން ހަތިޔާރާއެކު ސިފައިން މޮނީޓާ ކުރުމުގެ މަސައްކަތް މިވަނީ ފަށާފައި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ހިންގުުން ހަރުދަނާ ކޮށް ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރުމަށް ގިނަ މަސައްކަތް ތަކެއް ދަނީ ކުރެވެމުން،" މިނިސްޓަރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްނަށް ހާއްސަކޮށް ބޭއްވި ޓްރެއިންގައި ބައިވެރިވި ފަރާތްތަކަށް ހަނދާނީ ލިއުންވެސް ދީފައި ވެއެވެ. އެ ޓްރެއިނިން ސެޝަން ކުރިއަށް ގެންގޮސްފައިވަނީ މިމަހު 15 އިން 26 އަށެވެ. ބައިވެރިންނަށް ސެޓްފިކެޓް ހަވާލު ކޮށްދެއްވީ މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.