ވިޔަފާރި

ހުރިހާ ހިދުމަތަކާ އެކު ޝީޝާ ބޮޑު ތިލަދުންމައްޗަށް

ޝީޝާއިން ކުޅުދުއްފުށީގައި ހުޅުވި އާ އައުޓްލެޓް. -- ވީޑިއޯ: ޝަންމޫން

މޮޓޯ ސައިކަލުގެ ފަސޭހަކަން ދަސްކޮށްދިނީ ޝީޝާ އެވެ. ދިވެހިން ކުރިން ދުއްވި "ޓަކަޓަކަ" ސައިކަލްތައް އެއްލައިލީ ޝީޝާގެ ސަބަބުންނެވެ. މި ބަދަލު އައީ 1997ގެ އަހަރުތަކުގައި މަޝްހޫރު ހޮންޑާއާއެކު ސީޝާގެ ގުޅުން އުފެދުނު ހިސާބުންނެވެ. އެ ހިސާބުން ޝީޝާގެ ދުވެލި، ދިޔައީ ބާރު ވަމުންނެވެ. އެންމެ ފަހުން، މާލެ އިން ބޭރުވެ ދިޔައީ އައްޑޫ އަށެވެ. އެއަށްފަހު އެންމެ ދަންނަބޮޑު ތިލަދުންމައްޗަށް ޝީޝާ ގޮސް މި ވަނީ ހުއްޓިފަ އެވެ.

އެ ސަރަހައްދުގެ އިގްތިސާދުގެ މައި މަރުކަޒުގެ ގޮތުގައި ބަލައި، ކުޅުދުއްފުށީގައި މި ވަނީ ޝީޝާގެ ފިހާރައެއް ހުޅުވައިފި އެވެ. މިދިޔަ ހުކުރު ދުވަހު ހަވީރު މި ހުޅުވި އައުޓްލެޓަކީ ސީޝާގެ ކަސްޓަމަރުންނަށް އެ ކުންފުނިން އަނެއްކާ ވެސް ފޯރުކޮށްދޭ ބޮޑު ލުޔެކެވެ.

"އުތުރަން އަންނަން ނިންމީ މި ސަރަހައްދުގައި ސީޝާއިން ވިއްކާ ސައިކަލްތައް ސާވިސް ކުރާނެ ތަނެއް ނުހުންނާތީ. އަސްލު ސައިކަލަކަށް ވަރަށް މުހިންމު ކަމެއް ރަނގަޅު ސާވިސްއެއް ލިބޭނެ ގޮތެއް ހުރުން. މީގެ ބޭނުމަކީ ސީޝާއިން ސައިކަލް ބައްލަވައިގަންނަވާ މި ސަރަހައްދުގެ ރައްޔިތުންނަށް އެކަށީގެންވާ ހިދުމަތެއް ދިނުން،" ޝީޝާގެ ހެޑް އޮފް މާކެޓިން ފާތުމަތު ޖުމާން ވިދާޅުވި އެވެ.

ޝީޝާއިން ކުޅުދުއްފުށީގައި މިމަހުގެ 27 ވަނަ ދުވަހު ހުޅުވި ފިހާރައިން އެ ކުންފުނިން މާލެއިން ދޭ ހުރިހާ ހިދުމަތެއް ލިބެ އެވެ. ޖުމާން ވިދާޅުވި ގޮތުގައި މާލެއެކޭ އެއްގޮތަށް ކުޅުދުއްފުށީގެ އައުޓްލެޓުން ވެސް އިންސްޓޯލްމަންޓަށް ސައިކަލް ނެގުމާއި ސައިކަލަށް ފައިސާ ދެއްކުމާއި ސާވިސް ސެންޓަރުގެ ހިދުމަތް ވެސް ލިބޭނެ އެވެ.

"ސައިކަލްގެ އާފްޓަސޭލް ސާވިސްއަށް އިސްކަން ދޭނެ. ސައިކަލް އިންސްޓޯލްމަންޓުގެ ބައިވެސް ކުރިއަށްދާނެ،" އޭނާ ވިދާޅުވި އެވެ.

ހޮންޑާގެ އޮތޮރައިޒް ޑިސްރިބިއުޓާގެ ގޮތުގައި ޝީޝާއިން ރާއްޖޭގައި ވިޔަފާރި ފަށާފައިވަނީ 1997 ވަނަ އަހަރު އެވެ. މިހާރު އެ ކުންފުނިން ދަނީ ސައިކަލް ވިއްކުމުގެ އިތުރުން އެއާގުޅާ ގިނަ ހިދުމަތްތަކެއް ވެސް ދެމުންނެވެ. ސީޝާއަކީ ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ކުންފުންޏެކެވެ.