ހަބަރު

2018ގައި ރައީސް ޔާމީން ބަލި ކުރާނީ ޕާޓީތައް ގުޅިގެން: ޝިފާޒް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ބަލި ކުރާނީ އިދިކޮޅު ހުރިހާ ޕާޓީތަކުގެ ގުޅިގެން އެކަތި ގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްގެން ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.

ރޭ ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ޝިފާޒު ވިދާޅުވީ، އިދިކޮޅު ހަތަރު ޕާޓީން އެއްބަސްވާ ކެނޑިޑޭޓަކަށް އިންތިހާބުގައި ވާދަ ކުރެވޭނެ ކަމަށާއި ރައީސް ޔާމީންގެ ވެރިކަން އަންނަ ރިޔާސީ އިންތިހާބުގައި ފަސޭހަ ކަމާއެކު ނިމުމަކަށް ގެނެވޭނެ ކަމަށެވެ. އަދި ވިދާޅުވީ، މިހާރު މި އޮތް ވެރިކަމުން ރައްޔިތުން ސަލާމަތް ކުރެވޭނީ އިދިކޮޅު ހުރިހާ ޕާޓީތަކުން އެކީގައި މަސައްކަތް ކޮށްގެން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ، އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ރައްޔިތުން ގަބޫލު ކުރާ އިންތިހާބަކަށް ހެދޭނީ އިންތިހާބުގައި ވާދަކުރަން ތިބި އިދިކޮޅު ފަރާތްތަކަށް އެ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ދީގެން ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކަށް ފުރުސަތު ނުދީ ރައީސް ޔާމީން އެކަނި ބައިވެރިވާ އިންތިހާބެއް ބާއްވަން ރައްޔިތުން ޖާގަ ނުދޭނެ ކަމަށާއި އެކަމަށް ދުނިޔެވެސް އޮތީ ފާރަލައިގެން ކަމަށް ޝިފާޒް ވިދާޅުވި އެވެ.

"ރައީސް ނަޝީދަށް އެމަގު ބަންދުކޮށްފައި، އިމްރާނަށް އެ މަގު ބަންދުކޮށްފައި. ގާސިމް އިބްރާހިމަށް އެމަގު ބަންދުކޮށްފައި، ރައީސް ޔާމީން ނޫން ހުރިހާ ބޭފުޅުންނަށް އެ މަގު ބަންދުކޮށްފައި މިރާއްޖޭގައި ރައީސް ޔާމީން ހިނގާނެ ސިޔާސީ ހަރަކާތެއް ނޯންނާނެ. ނުވެސް ބޭއްވޭނެ، އެޖާގައެއް ނުވެސް ދޭނެ،" ޝިފާޒު ވިދާޅުވިއެވެ.

ޝިފާޒް އިތުރަށް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އެއް ކެނޑިޑޭޓެއް ހޮވުމާއި ގުޅޭގޮތުން މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްކޮޅުގެ ތެރޭގައި އިދިކޮޅު ހުރިހާ ޕާޓީއެއް ބޭނުންވާ ކަންކަން ހާމަވަމުންދާނެ ކަމަށާއި ހުރިހާ ޕާޓީއެއް އެދޭގޮތް ހެދި އިދިކޮޅު އެއް ގަލަކަށް އަރައި މަސައްކަތްތައް ފަށާނެ ކަމަށް ޝިފާޒް ވިދާޅުވި އެވެ.