ހަބަރު

ޕީޕީއެމް ޖަލްސާއެއް ލައިވް ކޮށްގެން އެސީސީގެ އިންޒާރު ޕީއެސްއެމްއަށް

މިދިޔަ އަހަރު ނޮވެމްބަރު ހަތަރު ވަނަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ޕީޕީއެމުން ބޭއްވި ޖަލްސާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޓީވީއެމުން އަގަކާއިނުލާ ކޮށްފައިވާތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިންޒާރުދީފި އެވެ.

އޭސީސީން މިދިޔަ ސެޕްޓެމްބަރު މަހު ބަލައި ނިންމި މައްސަލަތަކުގެ ތެރެއިން ޕީޕީއެމްގެ ޖަލްސާއެއް ޕީއެސްއެމުން އަގަކާއިނުލާ ދައުލަތުގެ އިވެންޓެއްގެ ގޮތަށް ތަސައްވުރުވާހެން ޓީވީއެމް މެދުވެރިކޮށް ލައިވް ކޮށްފައިވާ މައްސަލައެއް ހިމެނެ އެވެ. ނަމަވެސް އެކަން ނުކުރަން ޕީއެސްއެމަށް އިންޒާރުދީ އެސީސީން ވަނީ އެ މައްސަލަ ނުބަލަން ނިންމާފަ އެވެ.

އެ މައްސަލައާއި ގުޅިގެން ޕީއެސްއެމްގެ ފަރާތުން އޭސީސީ އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ޕީޕީއެމްގެ ޖަލްސާއެއް ލައިވް ކުރުމުގެ ނިޔަތުގައި އެއްވެސް ޖަލްސާއެއް ޕީއެސްއެމުން ލައިވް ކޮށްފައިނުވާނެ ކަމަށާއި ނަމަވެސް ރައީސްގެ ދެކަނބަލުން ބައިވެރިވަޑައިގެންނަވާ ޖަލްސާތައް ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމުން ފެށުނީއްސުރެ ކުރަމުން އަންނަ ކަމެއް ކަަމަށެވެ.

އެ މައްސަލައަށް އޭސީސީން ބުނީ، ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވި ޖަލްސާ އަކީ ޕާޓީގެ މެންބަރުންގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެން ޖަލްސާއެއް ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތަކާއި އިވެންޓްތައް ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑުން މީގެ ކުރިންވެސް ގެނެސްދެނީ އަގަކާލައިގެން ކަމަށާއި ސިޔާސީ ވަކި ޕާޓީއެއްގެ ޖަލްސާތަކާއި އިވެންޓްތައް އަގަކާއިނުލާ ވަގުތުން ގެނެސްދިނުމަކީ އެހެން ސިޔާސީ ޕާޓީތަކަށް ތަފާތުކުރުން ކަމަށް ދެކޭ ކަމަށް އޭސީސީން ބުންޏެވެ.

އެހެންކަމުން ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވި ޕީޕީއެމްގެ ޖަލްސާއެއް ޕީއެސްއެމުގެ ޓީވީއެމުން އެއްވެސް އަގަކާއިނުލާ ވަގުތުން ގެނެސްދީފައިވާތީ އެކަން އެގޮތަށް ނުކުރުމަށް ޕީއެސްއެމަށް އަންގައި އެމައްސަލަ ނުބަލައި ނިންމާލާފައިވާ ކަމަށް އޭސީސީން ބުންޏެވެ.