ހަބަރު

މާއެނބޫދޫގެ ނަރުދަމާ ރައީސް އިފްތިތާހް ކޮށްދެއްވައިފި

ދ. މާއެނބޫދޫގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމް ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް އިފްތިތާހް ކޮށްދެއްވައިފި އެވެ.

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ހަވާލުކޮށްގެން ގާއިމް ކޮށްފައިވާ ނަރުދަމާ ނިޒާމް އިފްތިތާހް ކޮށްދެއްވުމަށް މިއަދު މާއެނބޫދޫގައި ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވަޑައިގަންނަވަ އެވެ. އެގޮތުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އެންވަޔަރުމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެ ވަޑައިގަންނަވަ އެވެ.

މިއަދު އިފްތިތާހް ކުރި ނަރުދަމާގެ ނިޒާމުގެ މަސައްކަތަކީ 28.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ނަރުދަމާގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އަދި އެ މަސައްކަތް ނިންމާފައިވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އެވެ.

މިނިސްޓްރީން ބުނީ، އެ މަޝްރޫއުގެ ދަށުން ނަޖިސް ބޭރުކުރުމަށްޓަކައި ރަށުގެ އެއްގަމު ތޮށިން ފެށިގެން 598 މީޓަރުގެ ދުރު ރާސްތާއަކަށް ސީ އައުޓްފޯލް ހޮޅި އަޅާފައިވާ ކަމަށެވެ. އެ މަޝްރޫއުގެ ދަށުން މާއެނބޫދޫގައި 174 ގެއަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށް ދެވިގެންދާނެ ކަމަށާއި ނަރުދަމާގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ހަވާލު ކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަންއާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ރައީސް ޔާމީން ދ. އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ކުޑަހުވަދޫ އަށް ވަޑައިގެން އެރަށުގެ ފަޅުން ބައެއް ހިއްކައި ތަރައްގީ ކޮށްފައިވާ ދާލު، އެއާޕޯޓް ރަސްމީކޮށް ހުޅުވައިދެއްވާފައި ވެއެެވެ.