ހަބަރު

ރިޔާސަތު މޭޒާ ކައިރިވާ މެންބަރުންގެ ކޮމިޓީ އެލަވަންސް އުނިކުރަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ހިނގަމުން ދަނިކޮށް ހުއްދަ ނެތި ރިޔާސަތާ ކައިރިއަށް އަންނަ މެންބަރުންގެ ކޮމިޓީ އެލަވަންސް އުނިކުރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.

މަޖިލީހުގެ ގަވާއިދުގެ 51 ވަނަ މާއްދާއަށް އިސްލާހު ގެންނަން 42 މެންބަރަކު ވޯޓް ދެއްވި އެވެ. އަދި އެގޮތަށް ނުފެންނަ ކަމަށް ތިން މެންބަރަކު ވޯޓު ދެއްވި އެވެ. އެ މާއްދާއަށް ގެނައި ބަދަލުތަކާ އެކު، މަޖިލީހުގެ ޖަލްސާއެއް ހިނގަމުން ދަނިކޮށް ރިޔާސަތުގެ ހުއްދަނެތި ރިޔާސަތުގެ މޭޒާ ކައިރިއަށް އައިސްފި ނަމަ ކޮމިޓީގެ ހާޒިރީން 55 ޕަސެންޓް އުނިކުރުމާއި މަޖިލީހުގެ ރަސްމީ ދަތުރުތަކުން ތިން މަސް ވަންދެން ސަސްޕެންޑް ކުރުން ހިމެނެ އެވެ.

ކޮމިޓީ އެލަވަންސްގެ 20،000ރ. މެންބަރުންނަށް ލިބެނީ ކޮމިޓީ ހާޒިރީ 50 ޕަސެންޓަށް ވުރެ މަތި ނަމަ އެވެ.

ޖަލްސާ އިން ނުކުމެވަޑައިގަތުމަށް ނަން އިއްވުމަށް ފަހު މާލަމުގައި ތިއްބަވާ މެމްބަރުންނާ މެދު ވެސް އެ ފިޔަވަޅުތައް އެޅޭނެ އެވެ. އެ އަޅާ ފިޔަވަޅަކާ މެދު ހިތްހަމަ ނުޖެހޭ ނަމަ އެކަން ސުލޫކީ ކޮމިޓީއަށް ހުށަހެޅޭނެ އެވެ. އަދި މާފަށް އެދި އެފަދަ ކަމެއް ތަކުރާރު ނުކުރާ ނަމަ، މެންބަރަކަށް އަޅާފައިވާ ފިޔަވަޅެއް އުވާލެވޭނެ އެވެ.

މަޖިލީހުގެ ޖަލްސާތަކަށް ދުންމާރި ފަދަ ތަކެތި ނުވެއްދޭ ގޮތަށް ދާދިފަހުން ވަނީ ގަވާއިދަށް އިސްލާހު ވެސް ގެނެސްފަ އެވެ. އެ އިސްލާހުތައް ގެންނަން ޖެހުނީ އެމްޑީޕީގެ މެންބަރުން މަޖިލީހުގެ މިހާރު ކުރާ އިހުތިޖާޖުތަކާ ގުޅިގެންނެވެ.