ހަބަރު

238 މިލިއަން ރުފިޔާގެ ޗެކްތަކާ ހަވާލުވެ، އަދީބަށް އެންގިން: ޒިޔަތު

އެމްއެމްޕީއާރްސީއިން ފަޅު ރަށްތަކެއް ކުއްޔަށް ދޫކޮށްގެން ލިބުނު 238 މިލިއަން ރުފިޔާގެ ޗެކްތަކާ ހަވާލުވެ އެ ޗެކްތައް ލިބުނުކަން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބަށް އެންގެވި ކަމަށް މިއަދު އެ ކުންފުނީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ވިދާޅުވެއްޖެ އެވެ.

ޒިޔަތުގެ މައްޗަށް އުފުލާފައިވާ ހިޔާޏާތުގެ ދައުވާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ވަކިވަކި ކޮންމެ ދައުވާއެއް އިއްވާފަ އެވެ. އިއްވާފައިވަނީ އަށް ދައުވާ އެވެ. އެ ދައުވާތަކުގައި ހިމެނޭ ފައިސާގެ އަދަދު ދިވެހި ފައިސާއިން 238 ރުފިޔާއަށް އަރަ އެވެ.

މިއަދު އިއްވި އަށް ދައުވާގައިވާ ރަށްތަކާއި ދޫކުރި އަގު:

1- މާލެ އަތޮޅު ފަޅެއް، ބޮޑުފަރު ބީޗް ރިސޯޓަށް 1.6 މިލިއަން ޑޮލަރަށް
2- ވ. ވަށުގިރި، ވަށުގިރި ޕްރައިވެޓް ލިމިޑެޓަށް 2.3 މިލިއަން ޑޮލަރަށް
3- އއ. މަތިވަރި ފިނޮޅު، އިންޓަނޭޝަނަލް ޓްރެވެލް ކޮންސަލްޓް ކުންފުންޏަށް 15 ލައްކަ ޑޮލަރަށް
4- މާލެ އަތޮޅު ފަޅެއް، ރަނދުން ރިސޯޓްސް އިންވެސްޓްމެންޓް ކުންފުންޏަށް 1.5 މިލިއަން ޑޮލަރަށް
5- ރ. އުތުރުމާފަރު، ސަންފްރަންޓް ކުންފުންޏަށް 38 މިލިއަން ރުފިޔާއަށް
6- ރ. ގެމަނަ، ގެމަނަ ޕްރައިވެޓް ލިމިޑެޓަށް ތިން ލައްކަ ޑޮލަރަށް
7- ނ. މެދުފަރު، ހިލް ސައިޓް ވިލާ ކުންފުންޏަށް ތިން މިލިއަން ޑޮލަރަށް
8- ނ. ރާފުށި، އޭސް ރިސޯޓްސް ކުންފުންޏަށް ފަސް މިލިއަން ޑޮލަރަށް

ދައުލަތުގެ ވަކީލް، އަބްދުލް ވައްހާބު އަބްދުލް ގާދިރު ވިދާޅުވީ، ފަޅު ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމުން ލިބުނު ފައިސާގެ ޗެކްތަކާ ޒިޔަތު ހަވާލުވެފައިވީ ނަމަވެސް އެ ފައިސާ އެމްއެމްޕީއާރްސީއަށް ލިބިފައިނުވާ ކަމަށެވެ.

ޒިޔަތު ވަނީ އެ އަށް ދައުވާއަށް ވެސް އިންކާރުކޮށްފަ އެވެ. ޒިޔަތުގެ ވަކީލް އަހުމަދު ޔާމީން ވިދާޅުވީ، ޗެކްތަކާ ޒިޔަތު ހަވާލުވެ ޗެކްތައް ލިބުނު ކަމުގެ ހެއްކެއްގެ ގޮތުން ޕްރޫފް އޮފް ޕޭމަންޓް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބަށް ފޮނުވާފައިވާނެ ކަމަށެވެ. އަދި ޗެކްތައް ވެސް ހަވާލުކުރި ކަމަށާއި އެ ޗެކްތައް ހަވާލުކުރީ ހިޔާނާތްވުމުގެ ނިޔަތުގަ ނޫން ކަމަށެވެ. އެ ޗެކްތައް ހުންނާނީ ވެސް އެމްއެމްޕީއާރްސީގެ ނަމުގަ ކަމަށެވެ.

ޔާމީން ވިދާޅުވީ، އެ ހުރިހާ ފައިސާއެއް ވެސް އެސްއޯއެފް ކުންފުންޏަށް ޖަމާވެފައިވާކަން ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ. އެހެންކަމުން އެމްއެމްޕީއާރްސީގެ ނަމުގަ ހުރި ޗެކްތަކެއް އެސްއޯއެފް ކުންފުންޏަށް ޖަމާވެފައިވަނީ އެމްއެމްޕީއާރްސީއިން ބޭންކް އޮފް މޯލްޑިވްސްއަށް ހުށަހަޅާފައިވާ ބޯޑް އޮފް ރިޒޮލިއުޝަނާ ހިލާފަށް ކަމަށެވެ. އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްވެ، އެ ފައިސާތައް އެމްއެމްޕީއާރްސީގެ ގަވައިދުތަކާ ހިލާފަށް ޒިޔަތު ބޭނުންކޮށްފައިނުވާ ކަމަށް ވަކީލް ޔާމީން ވިދާޅުވި އެވެ.

ދައުވާތައް ސާބިތުކުރުމަށް ކޮންމެ ދައުވާއެއްގެ ހިމެނޭ ރަށް ނުވަތަ ފަޅާ ގުޅޭ އެއްބަސްވުންތަކާއި ޗެކްތަކާއި ޗެކް ލިބުނު ކަމުގެ ސްލިޕްތައް ދައުލަތުން ވަނީ ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ. އަދި، ކޮންމެ ދައުވާއެއް ސާބިތުކުރުމަށް ވެސް ތިން ސިއްރު ހެއްކެއް ވަނީ ހުށަހަޅާފަ އެވެ. ދައުލަތުން ހުށަހެޅި ހެކިތަކަށް ރިއާޔަތްކޮށް މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ އެ އަށް މައްސަލައަކީ ވެސް މަދަނީ މިންގަނޑުން ޝަރީއަތް ކުރިއަށް ގެންދެވޭނެ މައްސަލަތަކެއް ކަމަށް ކަނޑައަޅާފަ އެވެ.

މިހާރު އަމަލުކުރަމުން އަންނަ ޖިނާއީ އިޖުރާައަތުގެ ގާނޫނުގެ ދަށުން ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އެ ގާނޫނުގައިވާ ގޮތުން ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތަކެއް ހުރިތޯ ގާޒީ ވަނީ އައްސަވާފަ އެވެ. ޒިޔަތާއި ދައުލަތުން ވެސް އަށް މައްސަލާގައި ވެސް ޝަރީއަތް ފެށުމުގެ ކަންކަން ހުށަހަޅަން ހުރުމުން ޝަރީއަތުން ވަނީ އެކަމަށް މަސް ދުވަސް ދީފަ އެވެ. އަދި އެކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކައި ޖަވާބުދާރީވުމަށް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހަށް އަޑުއެހުމެއް ތާވަލުކޮށްފަ އެވެ.

ޒިޔަތުގެ މައްޗަށް އުފުލި 30 ދައުވާގެ ތެރެއިން ބާކީ އޮތް ހަތް ދައުވާގެ ޝަރީއަތް މިރޭ އޮންނާނެ އެވެ. އޭނާގެ މައްޗަށް ހިޔާނާތުގެ ޖުމްލަ 30 ދައުވާއެއް އުފުލި އެވެ. މީގެކުރިން ވަނީ އޭގެ ތެރެއިން 15 ދައުވާއެއް މީގެކުރީ އަޑުއެހުމެއްގަ އިއްވާފަ އެވެ.