މެންޗެސްޓާ (ޑިސެމްބަރު 18) – މެންޗެސްޓާ ޔުނައިޓެޑްގައި މަޑުކުރަން ބޭނުންވާ ކަމަށް ކޮލަމްބިއާގެ ފޯވަޑް ރަޑަމެލް ފަލްކާއޯ ބުނެފި އެވެ.
މި ސީޒަންގެ ނިޔަލަށް ލޯނު އެއްބަސްވުމެއްގެ ދަށުން ޔުނައިޓެޑަށް ބަދަލުވި ފަލްކާއޯ ،28 ، އެ ޓީމަށް މިހާތަނަށް ކުޅުނު އަށް މެޗުން ޖަހާފައިވަނީ އެންމެ ލަނޑެކެވެ.
އަނިޔާގެ މައްސަލަތައް މި ސީޒަންގައި ވެސް ދިމާވި ފަލްކާއޯ ބުނީ މިހާރު "ގާތްގަނޑަކަށް މުޅިން ފިޓުވެއްޖެ" ކަމަށެވެ. އަދި ޔުނައިޓެޑްގައި މަޑުކުރަން ބޭނުންވާ ކަމަށެވެ.
"މި ސީޓީ އާއި މި ކްލަބާމެދު އަހަރެން ވަރަށް ހިތްހަމަޖެހޭ. އަހަރެން ބޭނުންވަނީ މި ކްލަބުގައި މަޑުކުރަން،" ކުރިން ޕޯޓޯ އާއި އެތުލެޓިކޯ މެޑްރިޑަށް ކުޅުނު ފަލްކާއޯ ބުންޏެވެ.
މި ސީޒަންގައި ފަލްކާއޯގެ ލޯނު އެއްބަސްވުން ހަމަވުމުން، އޭނާ ގަތުމުގެ ފުރުސަތު ޔުނައިޓެޑަށް ލިބޭނެ އެވެ. ލޯނު އެއްބަސްވުމެއްގެ ދަށުން ފަލްކާއޯ ގެންނަން ޔުނައިޓެޑް އިން ހަ މިލިއަން ޕައުންޑް ހޭދަކުރިއިރު، ފަލްކާއޯގެ މުސާރަ އަށް އެ ކްލަބުން ހަފުތާއަކަށް 265،000 ޕައުންޑް ހޭދަކުރެ އެވެ.
އަނިޔާގެ ސަބަބުން މި އަހަރު އޮތް ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު ގެއްލުނު ފަލްކާއޯގެ ބޭނުން ޔުނައިޓެޑަށް އަދި އެންމެ އެކަށީގެންވާ ގޮތުގައި ނުހިފެ އެވެ. އަނިޔާގެ މައްސަލަތަކެއް ކުރިމަތިވި ފަލްކާއޯ މުޅިން ފިޓުނުވާ ކަމަށާއި އޭނާ އަށް އަދި ކުޅޭވޭނީ މެޗެއްގެ 20 މިނިޓު ކަމަށް ޔުނައިޓެޑްގެ ކޯޗު ލުވީ ވެން ހާލް ވަނީ ދާދި ފަހުން ބުނެފަ އެވެ. އަދި ފަލްކާއޯ އަށް ޓީމުން ޖާގަ ލިބޭނީ ފިޓްނަސް ރަނގަޅުކޮށްގެން ކަމަށް ވެން ހާލް ވަނީ ބުނެފަ އެވެ.
ފަލްކާއޯ ބުނީ ޔުނައިޓެޑްގެ ޓީމުން ފުރުސަތު ހޯދަން އޭނާ ބޭނުންވާ ކަމަށެވެ. އަދި ކްލަބުގައި މަޑުކުރަން ބޭނުންވިޔަސް، އެގޮތަށް ނިންމޭނީ ކްލަބުން ލިބޭ ފުރުސަތުތަކަށް ބެލުމަށް ފަހު ކަމަށެވެ.