ހަބަރު

ވޯޓް ނުދޭ މެންބަރުންގެ ދާއިރާތަކުގައި މަޝްރޫއު ހިންގަން ދަތިވާނެ: މިނިސްޓަރު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ބަޖެޓަށް ވޯޓު ނުދެއްވާ މެންބަރުންގެ ދާއިރާތަކަށް ތަރައްގީގެ މަޝްރޫއުތައް ހިންގަން ދަތިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް ދިރާސާކުރާ ކޮމެޓީގައި މިއަދު މެންބަރުން ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ސަރުކާރުން އިސްކަން ދޭނީ ވޯޓުދޭ މެންބަރުންގެ ދާއިރާތަކަށް ކަމަށެވެ. ވޯޓު ނުދޭ ދާއިރާތަކަށް މަޝްރޫއުތައް ހިންގަން ދަތިވާނެ ކަމަށް ވިދާޅުވި އެވެ.

"ބަޖެޓްގައި ވޯޓު ނުދެއްވާ ބަޔަކަށް އަޅުގަނޑުމެންނަށް ދަތިވާނެ ނޫންތޯ ޕްރޮޖެކްޓް ހިންގުމުގަ ވެސް، މިއީ ހަގީގަތް، މި އަހަރުގެ ތެރޭގައި ވެސް ބަޖެޓް ފާސްވެގެން ދާއިރު ކިތައް ބޭފުޅުންތޯ ވޯޓު ނުދެއްވާނީ، އެހެން ގައުމުތަކުގަ އިނގޭތޯ ކިތަންމެ ވާހަކައެއް ދެއްކިޔަސް ކިތަންމެ އިދިކޮޅު ވާހަކައެއް ދެކިޔަސް ބަޖެޓަށް ވޯޓު ދެއްވާނެ، އެއީ ރައްޔިތުންގެ ހައްގެއް އިނގޭތޯ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ބަޖެޓަށް ވޯޓު ދެއްވުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ. އިދިކޮޅު މެންބަރުންގެ ތެރެއިން ބަޖެޓަށް ވޯޓު ދެއްވާ މެންބަރުންގެ ދާއިރާތަކަށް ތަރައްގީގެ މަޝްރޫއުތައް ހިންގާނެ ކަމަށް ވެސް މިނިސްޓަރު މުނައްވަރު ވިދާޅުވި އެވެ.

"އިދިކޮޅު ވިޔަސް އެބަ ތިއްބެވި އަޅުގަނޑުމެންނާއެކު މަސައްކަތް ކުރައްވާ ބޭފުޅުން، އެ ބޭފުޅުންގެ ޕްރޮޖެކްޓްތަކަށް އަޅުގަނޑުމެން އިސްކަން ދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ކޮންމެ މެންބަރަކު ވެސް ދާއިރާއަށް މަޝްރޫއުތައް ބޭނުންވާ ކަމަށާއި އެހެންކަމުން ބަޖެޓަށް އެއްބާރުލުންދޭން ޖެހޭނެ ކަމަށެވެ. ތަރައްގީގެ މަޝްރޫއުތައް ހިންގަން ފައިސާ ބޭނުންވާ ކަމަށާއި އެހެންކަމުން ދައުލަތުގެ ދަރަނި ބޮޑުވާތީ ކަންބޮޑުވުމަކީ ދެކޮޅު ނުޖެހޭ ކަމެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، މަޝްރޫއުތައް ހިންގަން ފައިސާ ހޯދާނެ ކޮޅެއް އޮންނަން ޖެހޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރައްޔިތުން ބޭނުންވާ ތަރައްގީގެ ހުރިހާ މަޝްރޫއުތަކެއް ހިންގާނެ ވަރަށް ދައުލަތަށް އާމްދަނީ ނުލިބޭ ކަމަށެވެ. އެހެންކަމުން ޖެހޭނީ ލޯނު ނަގަން ކަމަށާއި ލޯނު ނަގަންޏާ ދަރަނި ވެސް ބޮޑުވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މަހުން މަހަށް ލިބެމެންދާ އާމްދަނީއަށް ބަލާފަ ލޯނު ނަގަމުން މިދަނީ އެ ދެއްކޭނެ ކަމުގެ ޔަގީންކަން އޮތުމުން، އަޅުގަނޑަށް ދެކޮޅު ނުޖެހޭ ކަމަކީ އާމްދަނީ އިތުރުކުރާކަށް ބޭނުމެއް ނުވޭ، ދަރަނި ނަގާކަށް ބޭނުމެއް ނުވޭ އެކަމަކު ޕްރޮޖެކްޓްތައް ހިންގަން އެބަޖެހޭ، މިއީ ދެކޮޅު ޖެހޭ ކަމެއް ނޫން،" މި ސަރުކާރުގެ ދެވަނަ ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑަކީ ޖާދޫގަރެއް ނޫން އިނގޭތޯ، އަޅުގަނޑަށް ވެސް ފައިސާ ހޯދިގެން މިނިސްޓްރީއަށް ވެސް ސަރުކާރަށް ވެސް ޕްރޮޖެކްޓްތައް ހިންގޭނީ ފައިސާ ހޯދިގެން، އެހެންކަމުން ލިބޭނެ ކޮޅަކާއި ދާނެ ކޮޅެއް ވެސް އޮންނަން ޖެހޭނެ، އާމްދަނީ ހޯދޭނެ ގޮތްތައް ވެސް ހުންނަން ޖެހޭނެ، އެކަމަށް ލުއިކޮށްދޭނެ ގޮތްތައް ވެސް ހޯދަން ޖެހޭނެ، ބަޖެޓަށް ވޯޓު ވެސް ދެއްވަން ޖެހޭނެ،"

އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވަނީ 28 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓާމެދު އިދިކޮޅު މެންބަރުން ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. ބައެއް ދާއިރާތަކަށް އެކަށީގެންވާ މަޝްރޫއުތައް ހިމަނާފައިނުވާ ކަމަށް ވިދާޅުވަމުންނެވެ. އަދި ދަރަނި ބޮޑުވުމަކީ ވެސް އިދިކޮޅު މެންބަރުން ކަންބޮޑުވުން ފާޅުކުރައްވާ ކަމެކެވެ. އިދިކޮޅު މެންބަރުން ބަޖެޓް ބަހުސްގައި ވެސް ބައިވެރިވެވަޑައިނުގަންނަވަ އެވެ. ނަމަވެސް ކުނޫޒުގައި އެ މެންބަރުން ވަނީ ބަޖެޓާ ގުޅޭ ގޮތުން ތަފްސީލްކޮށް ވާހަކަ ދައްކަވާފަ އެވެ.

ތަޅުމުގެ ޖަލްސާތަކުގައި އިދިކޮޅު މެންބަރުން ބައިވެރިވަޑައިނުގަންނަވަނީ އަބްދުﷲ މަސީހު ރިޔާސަތުގައި އިންނަވާ ބާއްވާ ޖަލްސާތަކަކީ ސައްހަ ނޫން ޖަލްސާތަކެއް ކަމަށް ވިދާޅުވެ އެވެ. ނަމަވެސް އެ މެންބަރުން ގެންދަވަނީ ކޮމެޓީގައި މަސައްކަތްތައް ކުރައްވަމުންނެވެ. އެ މެންބަރުން ބަޖެޓަށް ވޯޓު ދެއްވާނެ ކަމަށް ނުބެލެވެ އެވެ.