ހަބަރު

ތިނަދޫގައި ބެހެއްޓި ބޯޑުތައް ނަގަން ރަތަފަންދޫ ކޯޓުން އަމުރެއް ނެރެފި

ގދ. ތިނަދޫގައި ބަހައްޓާފައިވާ ބޯޑްތަކެއް ނެގުމަށް ގދ. ރަތަފަންދޫ ކޯޓުން އަމުރެއް ނެރެފި އެވެ. އެ ބޯޑްތަކަކީ ތިނަދޫގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އީސިން ކަނޑައަޅާފައިވާ އަބްދުﷲ އަހްމަދާއި ސައުދުﷲ ހިލްމީގެ ގޮނޑި ނުގެއްލޭނެ ކަމަށް ފާހަގަކޮށްފައިވާ ގާނޫނީ ނުކުތާތަކެއް ލިޔެފައިވާ ބޯޑްތަކެކެވެ.

ރަތަފަންދޫ ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވަނީ، ތިނަދޫގެ އެކި ސަރަހައްދުތަކުގައި ކޯޓުތަކުގެ ހައިބަތު ގެއްލުވާލައި ކޯޓުތަކާ ބެހޭ ގޮތުން ރައްޔިތުންނަށް ނުބައި ތަސައްވަރަށް ދޭން މަސައްކަތް ކުރަން ބޯޑްތަކެއް ބަހައްޓާފައިވާ ކަމަށެވެ. އެއީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމަށާއި މުއައްސަސާތަކަށް ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސް އެޅުމަށް ކޮށްފައިވާ ކަމެއްގެ ގޮތުގައި ކޯޓު އަމުރުގައި ފާހަގަކޮށްފައިވެ އެވެ.

އެހެންވެ އެ ތަކެތި ހޯދައި ހިފަހައްޓަން ކޯޓުން ވަނީ ފުލުހުންނަށް ހުއްދަ ދީފަ އެވެ. ކޯޓު އަމުރު ނެރެފައިވަނީ ފުލުހުން ބުނާ ބުނުމަށާއި ހަރުކޮށްފައިވާ ބެނާތަކަށް ބެލުމަށްފަހު ކަމަށް އަމުރުގައިވެ އެވެ.

އެ އަމުރުގެ ދަށުން އެ ބޯޑްތައް ނެގުމަށް މިހާރު ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ނުލިބެ އެވެ.

އެ ބޯޑްތައް ހަރުކޮށް، ބޯޑްތަކުގެ ފޮޓޯތަކެއް އާންމުކުރައްވަމުން ސައުދުﷲ ވިދާޅުވެފައިވަނީ، ފަރުދުން ހޭލުންތެރިކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ.

ތިނަދޫގައި މާދަމާ އިދިކޮޅުން ބޮޑު ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުންދާއިރު ޕީޕީއެމްއިން ވެސް މިއަދު ހަވީރު އެ ރަށަށް ޓީމެއް ފޮނުވުމަށް ވަނީ ނިންމާފަ އެވެ. ޕީޕީއެމްގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ ވަނީ އެ ޓީމުން ތިނަދޫގައި ސަރުކާރަށް އޮތް ތާއިދު ދައްކާލާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ސައުދުﷲ ވިދާޅުވީ، އެ ރަށު ރައްޔިތުންގެ 90 ޕަސެންޓް ސަރުކާރާ ދެކޮޅު ކަމަށެވެ.