ވިޔަފާރި

ބޯޓިން އެވޯޑްގެ ގިނަ އެވޯޑު އަލްޝާލީއަށް

މޯލްޑިވްސް ބޯޓިން އެވޯޑް 2017، ގައި އެންމެ ގިނަ އެވޯޑު ލިބުނު ކުންފުންޏެއްގެ ގޮތުގައި އަލްޝާލީ މެރިން މޯލްޑިވްސް ނަން ވިދާލައިފި އެވެ.

ނޭޝަނަލް އާޓްގެލަރީގައި ރޭ ބޭއްވި ރާއްޖޭގެ ބޯޓު ބިލްޑަރުންގެ އެންމެ ޝަރަފުވެރި އެވޯޑުގައި، ރާއްޖޭގެ ބޯޓު ބިލްޑިންގައި ހަރަކާތެރިވާ ކުންފުނިތަކާއި ބޭރުން ބަނދެގެން ގެނެސްފައިވާ އުޅަނދުތަކާ ވާދަކޮށް، ގިނަ އެވޯޑުތަލެއް އަލްޝާލީ އިން ގެންގޮސްފައިވެ އެވެ.

އަލްޝާލީ މެރިން އިން ތިލަފުށީގައި ހިނގާމުން ގެންދާ ޑޮކްޔާޑަށް ވަނީ އަހަރުގެ އެންމެ ރަނގަޅު ޑޮކްޔާޑުގެ އެވޯޑު ހިމެނެ އެވެ. މި ޑޮކްޔާޑަކީ އެއް ފަހަރާ 25 އަށްވުރެ ގިނަ އުޅަނދަށް ހިދުމަތް ދެވޭވަރުގެ ތަނެކެވެ. މީގެ އިތުރުން އަލްޝާލީއިން ބަނދެފައިވާ 37 ފޫޓުގެ ކޯސްޓް ކްރާފްޓް ލޯންޗަށް ވަނީ އަހަރުގެ އެންމެ މޮޅު ފައިބަރު އުޅަނދުގެ އެވޯޑު ލިބިފަ އެވެ. އަދި ގިނަ ރިސޯޓުތަކެއްގައި މަގުބޫލުކަން ހޯދާފައިވާ "އައިލެންޑް ހޮޕާ" އުޅަނދަށް ވެސް ވަނީ އެވޯޑެއް ލިބިފަ އެވެ.

އަލްޝާލީގެ އެވޯޑުތައް ކުރުކޮށް

- ޑޮކްޔާޑް އޯ ސްލިޕްވޭ އޮފް ދި އިޔާ
- ބެސްޓް ބޯޓް ޑިޒައިން އޮފް ދި އިޔާ
- ބެސްޓް ޕްރޮޑަކްޝަން ފައިބާ ވެސެލް އޮފް ދި އިޔާ (5 މީޓަރާއި 24 މީޓަރު) ގެ
- ބެސްޓް ޕްރޮޑަކްޝަން ފައިބާ އޮފް ދި އިޔާ (15 މީޓަރާއި 40 މީޓަރު) ގެ

އެވޯޑު ލިބުނު އަލްޝާލީ މެރިންގެ ޑޮކްޔާޑު

ގިނަ އެވޯޑުތައް ލިބުމާ ބެހޭ ގޮތުން، މޯލްޑިވްސްގެ އޮޕަރޭޝަންސް މެނޭޖަރު އިސްމާއީލް ޝަރީފު ވިދާޅުވީ މިއީ ހުވަފެނެއް ހަގީގަތަކަށްވުން ފަދަ ކަމެއް ކަމަށާއި، އެވޯޑުތަކާއެކު ހިދުމަތް އިތުރަށް ރަނގަޅު ކުރާނެ ކަމަށެވެ.

"މިހާރު ރާއްޖޭގެ އެއްވަނަ ބޯޓް ބިލްޑާކަން މި ހާމަކޮށްދެވުނީ. ދެން މަސައްކަތް ކުރާނީ ކަސްޓަމަރުން މިހާރަށްވުރެ ވެސް އުފާކޮށްދޭން. ކަސްޓަމަރުންނަކީ މި ކާމިޔާބީގެ އެންމެ ބޮޑު އެއްބައި. އެހެންވެ ކަސްޓަމަރުން ހިތްހަމަ ޖައްސައި ދިނުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރާނީ،" ޝަރީފު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އަލްޝާލީއަށް އެވޯޑު ދެނީ

އަލްޝާލީ މެރިންއަށް މި އަހަރު ހަތަރު އެވޯޑު ލިބުނުއިރު، އެންމެ ފަހުން ބޭއްވި މޯލްޑިވްސް ބޯޓިން އެވޯޑު 2016 ގައި އަލްޝާލީ ދޯންޏަށް އެވޯޑެއް ލިބިފައިވެ އެވެ.

ދުބާއީގެ އަލްޝާލީ މެރިންއާ ގުޅިގެން އަލްޝާލީ މެރިން މޯލްޑިވްސް އުފައްދާފައިވަނީ ރާއްޖޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ކޯސްޓްލައިން އިންނެވެ. އަދި އަލްޝާލީ މެރިން ދުބާއީއަކީ 1979 އަކުން ފެށިގެން ފައިބަރު އުޅަނދު ފަހަރު ބަންނަމުން ގެންދާ ކުންފުންޏެކެވެ.